ލިވަޕޫލްގެ ފެންވަރު ޔުނައިޓެޑަށް ދައްކާލައިފި

17 Dec 2018 | 12:48

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު 3-1 ކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ދެ ޓީމުގެ ކުޅުމުގަ ހުރި ފެންވަރުގެ ތަފާތު ވަރަށް ބޮޑުތަނުން ފާހަގަވެގެންދިޔަ މި މެޗުގައި ކުރިން ލަނޑެއް ޖަހައި ލީޑް ނަގާފައިވަނީވެސް ލިވަޕޫލުންނެވެ. އެއީ މެޗުގެ 33 ވަނަ މިނެޓުގައި ފަބީނިއޯ ދިން ރީތި ޕާހަކުން މާނޭ ޖަހައިދިން ލަނޑާއެކުއެވެ.

ނަމަވެސް ލިވަޕޫލް ލަނޑުޖެހިތާ މާގިނައިރުތަކެއްނުވެ ޔުނައިޓެޑުންވަނީ ނަތީޖާ އެއްވަރު ކޮށްފައެވެ. ޔުނައިޓެޑުގެ ލަނޑު ކާމިޔާބު ކުރެވުމުގައި ލިވަޕޫލްގެ ކީޕަރުގެ މިސްޓޭކް ފާހަގަވެގެން ދިޔައެވެ. ލުކާކޫ ނަގައިދިން ހުރަސް މަތަ ކުރަން އުޅުމުގެ ތެރޭގައި ކީޕަރު އެލިސަންއަށް ހެދުނު ގޯހުގެ ފައިދާ ނަގާ ޔުނައިޓެޑުގެ ލަނޑު ޖަހައިދިނީ ލިންގާޑެވެ.

ޖުމްލަ 33 ހަމަލާއެއް ޔުނައިޓެޑް ކޮޅަށް ލިވަޕޫލުން ފޮނުވާލި މި މެޗުގައި އެ ޓީމުގެ ދެވަނަ އަދި ތިންވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުތް ޝަގީރީއެވެ.

މެޗައި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް މޮރީނިއޯ ބުނީ މެޗުން މޮޅުވީ އެންމެ ވަރުގަދަ ޓީމް ކަމަށެވެ. ފުރަތަމަ 20 މިނެޓުގެ ތެރޭގައި ދެ ޓީމުގެ ކުޅުމުގަ ބޮޑު ތަފާތެއް ހުރި ކަމަށައި ނަމަވެސް ފަހުން އިދިކޮޅު ޓީމުގެ ކުޅުންތެރިންނަށް ޔުނައިޓެޑްގެ ޑިފެންސް ފޫއަޅުވާލަން އުނދަގޫވުމުގެ ސަބަބުން ފެނުނީ 30-40 މީޓަރުން ޝޮޓް ހަދަމުން ދިޔަ މަންޒަރު ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ އެނާގެ ޓީމުގެ ކުޅުމައި ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމުގައެވެ. ޔުނައިޓެޑް މެޗަށް ނެރުނީ ކޮލެޓީ ޓީމެއް ކަމަށައި ލިވަޕޫލްގެ ޕްލޭނަކަށްވީ ޔުނައިޓެޑްގެ ޑިފެންސް މަތިން ޗިޕްތަކެއް ޖަހައިގެން ކުޅުން ކަމުގައި ކަމަށްވެސް ކްލޮޕް ބުންޏެވެ.

މި މޮޅާއެކު ލަވަޕޫލްވަނީ އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެއީ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ލިބުނު 45 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑް އޮތީ 26 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ.

ލީގުގައި ކުޅެވުނު އެހެން މެޗުގެ ނަތީޖާތަކަށް ބަލާއިރު ޗެލްސީވަނީ 2-1 ކުން ބަރައިޓަންގެ މައްޗަށް ކާމިޔާބު ހޯދާފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އާސެނަލް އަދި ސައުތްހެމްޕްޓަން ބައްދަލު ކުރި މެޗް ނިމުނީ 3-2 ކުން އާސެނަލް ބަލިވެގެންނެވެ. މިއާއެކު އާސެނަލް ދަމަހައްޓަމުން ދިޔަ މެޗަކުން ބަލި ނުވުމުގެ ރެކޯޑްއަށްވަނީ ނިމުމެއް އައިސްފައެވެ.

Advertisement

ކޮމެންޓް