އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 11ވަނަ ދުވަހުގެ ކުރިން އެޤައުމުން ފައިބަނީ

14 Apr 2021 | 13:17

އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން ޤާއިމުވެތިބުން ނިމުމަކަށް ގެންނާނެ ރަސްމީ ތާރީޚެއް، އެމެރިކާގެ ފަރާތުން އިޢުލާންކޮށްފިއެވެ.

2001ވަނަ އަހަރުގެ ސެޕްޓެމްބަރުގައި އެމެރިކާއަށް އަލްޤައިދާ ޖަމާޢަތުން ދިން ހަމަލާ ރޭވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް، އަފްޣާނިސްތާނުން އަލްޤައިދާއަށް ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށްބުނެ އެމެރިކާއިން ނިރުބަވެރިކަމާ ދެކޮޅަށް ހިންގިކަމަށް ބުނާ ކެމްޕެއިންގެ ދަށުން އެ އަހަރުގެ އޮކްޓޯބަރމަހުގެ ތެރޭގައި ވަނީ އަފްޣާނިސްތާނަށް އަރާފައެވެ. އަދި އޭރު ވެެރިކަން ކުރަމުންދިޔަ ތާލިބާން ޖަމާޢަތް ވެރިކަމުން ދުރުކޮށް، އެ ޖަމާޢަތާއި ދެކޮޅު ފަރާތްތައް ހިމަނައިގެން ވަގުތީ ސަރުކާރެއް ޤާއިމުކޮށްފައެވެ.

އެއަށްފަހުގައި ތާލިބާންގެ އިތުރުން އެހެނިހެން ޖަމާޢަތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމަޢު ގަބޫލުކުރާ އަފްޣާނިސްތާނުގެ ސަރުކާރާ، އެޤައުމުގެ ރައްޔިތުންގެ އިތުރުން މުޅި ދުނިޔެއަށްވެސް ނުރައްކާ އޮތްކަމަށް ފެންނާތީ އެމެރިކާއިން ވަނީ އެޤައުމުގެ ސިފައިން އަފްޣާނިސްތާނުގައި ޤާއިމުވެ ތިބޭގޮތް ހަމަޖައްސާފައެވެ. އެގޮތުގެ ދަށުން މިއަދާއި ހަމައަށް އެމެރިކާއިން ވަނީ އަމިއްލަ ހައިސިއްޔަތުން އަދި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ އެކު ތާލިބާން ޖަމާޢަތުގެ އިތުރުންވެސް އެހެނިހެން ހަނގުރާމަވެރި ޖަމާޢަތްތަކާއި ދެކޮޅަށް މަސައްކަތްތަކެއް ކޮށްފައެވެ.

އެއަށްފަހު 2011ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ގެންދަނީ މަޑުމަޑުން އަފްޣާނިސްތާނުން ފައިބަމުންނެވެ. ދާދިފަހުން އެމެރިކާ، އަފްޣާނިސްތާނު އަދި ތާލިބާނުންގެ މެދުގައި ޞުލްޙައިގެ ވަރުގަދަ މަޝްވަރާތަކެއް ވަނީ ފެށިފައެވެ. މި މަޝްވަރާތަކުގައި ތާލިބާނުންގެ އެންމެ ވަރުގަދަ ޝަރުތަކީ އަފްޣާނުގައި ތިބި ބޭރުގެ ހުރިހާ ސިފައިން އެޤައުމުން ފޭބުމެވެ. 

މިވަގުތު އަފްޣާނިސްތާނުގައި 2500 އެއްހާ އެމެރިކާގެ ސިފައިން ޤާއިމުވެފައި އެބަތިއްބެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ޤާއިމުކުރެވުނު އެއްބަސްވުމެއްގެ ދަށުން، މިއަހަރުގެ މެއިމަހުގެ އެއްވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ފައިބަން ޖެހެއެވެ. ނަމަވެސް މި މުއްދަތުގެ ކުރިން ކުއްލިއަކަށް މިކަން ކުރުމަކީ ފަސޭހަ އަދި ރައްކާތެެރިގޮތެއް ނޫންކަމަށް އެޤައުމުގެ ރައީސް ޖޯ ބައިޑެން މީގެކުރިން ވަނީ ވިދާޅުވެފައެވެ. 

ބައިނަލްއަގުވާމީ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި، ސިޔާސަތުތައް ރަނގަޅަށް ބެއްލެވުމަށްފަހު އެމެރިކާގެ ރައީސް ބައިޑެން ވަނީ މިއަހަރުގެ ސެޕްޓެމްބަރ 11ގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން އެޤައުމުން އަނބުރާ ގެންދަވަން ނިންމަވާފައެވެ. މިއީ، އަލްޤައިދާއިން އެމެރިކާއަށް ދިން ހަމަލާއަށް 20 އަހަރު ފުރޭ ދުވަސްކަން ފާހަގަކޮށްލެވެއެވެ. ތާލިބާން ޖަމާޢަތުން ވަނީ އެޤައުމުގައި ތިބި ބޭރުގެ ސިފައިން ނުފައިބަނީސް އެއްވެސް އިތުރު ޞުލްޙައިގެ ވާހަކައެއްގައި ބައިވެރިނުވާނެކަމަށް ބުނެފައެވެ.

އެހެންކަމުން އެމެރިކާގެ މި ނިންމުމުގެ ސަބަބުން، މިމަހުގެ 24ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ޞުލްޙައިގެ ވާހަކަތަކާއި މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.

މަސްދަރު: އަލްޖަޒީރާ

Advertisement

ކޮމެންޓް