މެސީގެ ހެޓްރިކާއެކު ބާސެލޯނާއަށް ބޮޑު މޮޅެއް

17 Dec 2018 | 10:17

ސްޕެނިޝް ލީގުގައި ލެވަންޓޭއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު މެސީގެ ފަރާތުން ފެނުނު ތަފާތު މޮޅު ކުޅުމާއެކު ކާމިޔާބު ކޮށްފިއެވެ. ބާސެލޯނާ މި މެޗުން މޮޅުވެފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބާސެލޯނާ ޖެހި ފަސް ލަނޑުގައިވެސް މެސީގެ ހިއްސާ ވަރަށް ބޮޑެވެ.

އެގޮތުން މެސީވަނީ ތިން ލަނޑު ޖަހައި އަނެއް ދެ ލަނޑު ޖަހަން އެސިސްޓްވެސް ހަދާފައެވެ. މެސީގެ ހެޓްރިކާއެކު އޭނާ މި ހިނގާ 2018 ވަނަ އަހަރު ގައުމު އަދި ކްލަބަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 50 އަށް އަރާފައެވެ. މެސީގެ އިތުރުން ބާސެލޯނާގެ ލަނޑުތައް ޖަހައިދިނީ ސުއަރޭޒް އަދި ޕީކޭއެވެ.

މި މެޗުގައި ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ޑެމްބެލޭއަށް ލެވަންޓޭގެ ޑިފެންޑަރ އެރިކް ކުރި ނުރައްކާތެރި ފައުލަކައި ގުޅިގެން އޭނާވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއާއެކު ލެވަންޓޭ މެޗުގެ ފަހު ވަގުތު ކޮޅު ފުރިހަމަ ކޮށްފައިވަނީ 10 ކުޅުންތެރިންނާއެކުއެވެ.

ބާސެލޯނާގެ އިތުރުން މި ސީޒަނުގައި ވާދަވެރި ކުޅުމެއް ދައްކަމުންދާ އެޓްލެޓިކޯ މެޑްރިޑް އަދި ސެވިއްޔާވެސްވަނީ މި ހަފްތާގައި ކުޅުނު މެޗުތަކުން މޮޅުވެފައެވެ. 34 ޕޮއިންޓާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައިގަ އޮތްއިރު އެޓްލެޓިކޯ މެޑްރިޑް އަދި ސެވިއްޔާއަށްވެސް ލިބިފައިވަނީ 31 ޕޮއިންޓެވެ. ސެވިއްޔާއަށް ދެވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ޕޮއިންޓުގެ ގޮތުން އެއްވަނައިގަ އޮތް ބާސެލޯނާއާއި ދެމެދު މާބޮޑު ފަރަގެއްނެތި ރެއާލް މެޑްރިޑް އޮތީ 29 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. 

Advertisement

ކޮމެންޓް