އެމްޑީޕީ މެންބަރުން ވޯޓުލާން ނުނުކުތީ ރައީސް ޔާމީން މިނިވަންކުރަން ގޮވާލާތީ ކަމަށް އާޒިމް ވިދާޅުވެއްޖެ

14 Apr 2021 | 15:04

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވޯޓުލާން ނުނުކުތީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރަން ގޮވާލާތީ އެކަމާ ކަންބޮޑުވެގެން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާޒިމް ވިދާޅުވީ، މާލޭ ސިޓީގެ އިންތިޚާބު އެމްޑީޕީއަށް ގެއްލިގެންދިޔައީ އަދި އެހެން އެކަން ދިމާވީ ގިނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ.

" ވައްކަން ކުރުން އޯކޭ އޭ ބުނި މީހުން ނިކުމެ ވޯޓުދިނީ އެ ނޫން ބަޔެއް ނޫން، މަދު އެމްޑީޕީގެ ހިތްވަރު ހުރި މާޔޫސް ނުވެ ތިބި މެންބަރުން ކޮޅެއް ނިކުމެ ވޯޓުދިން." އާޒިމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމާއި އަޣުލަބިއްޔަތު އިދިކޮޅު ޕީޕީއެމަށް ލިބުނު ނަމަވެސް ރައްޔިތުން ބުނަނީ ރައީސް ޔާމީން ދޫކޮށްލަން ނޫން ކަމަށް އާޒިމް ވިދާޅުވިއެެވެ. އެމަނިކުފާނު ދޫކޮށްލާ ވާހަކަ ދައްކާތީ އެެކަމާ ކަންބޮޑުވެގެން ރައްޔިތުން ވޯޓުލާން ނުނުކުތީ ކަމަށް ވިދާޅުވެ، އާޒިމް ވަނީ ރައްޔިތުން ޔާމީން މިނިވަން ކުރަން އެދޭ ކަމަށް ބުނެ ދޮގު ނުހެދުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައިފައެވެ.

މީގެ އިތުުރުން، ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މިނިސްޓަރަކަށް ހުންނަވައިގެން ކުރެއްވި ވައްކަމާއި، ހިންގެވި ކޮރަަޕްޝަން ހުއްޓުވައި ދިނުމަށް ރައްޔިތުން އެދެމުންދާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް