Advertisement

ނަޝީދުގެ ސިޔާސީ ހަޔާތުން ކަޅު ސަފުހާއެއް!

14 Apr 2021 | 20:13

ނިމިގެންދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ނަތީޖާއަކީ އެމްޑީޕީގެ ޕޮޕިއުލަރ ލީޑަރ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ހަޔާތުން ކަޅު ސަފުހާއެކެވެ. މިއިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ދަށް ނަތީޖާއަކީ، ޚާއްޞަކޮށް މާލެއިން ލިބުނު ނަތީޖާއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދާއި ދެމެދު އޮތް ދެބަސްވުންތަކަކާއި ގުޅިގެން ނުކުތް ނަތީޖާއެއްކަމަށް ބައެއް މީހުން ބެލިނަމަވެސް މައްސަލަ ގޮސް ހުއްޓެނީ އެއަށްވުރެ މާ ފުނަށެވެ.

އިންތިޚާބުގެ ނަތީޖާތަކާއިމެދު ދިރާސީ ނަޒަރަކުން ބަލާނަމަ މިއީ ރައީސް މުހައްމަދު ނަޝީދާއި ގުޅިފައިވާ ނަތީޖާއެކެވެ. ދާއިރާތަކުގެ ނަތީޖާތައް ވަކިވަކިކޮށްގެން ބަލާނަމަ ރައީސް މުޙައްމަދު ނަޝީދަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރަހައި، ހިސާބުޖަހައި މިދިޔަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އުފެއްދި މައްޗަން ގޮޅީ މެދުދާއިރާގެ ނަތީޖާއަށް ނަޒަރު ހިންގާލުމުން އަސްލު މަންޒަރު ފެނިގެންދެއެވެ. މިދާއިރާއިން ގާތްގަޑަކަށް އެމްޑީޕީ ފެއިލްވެފައިވާތަން ފެނެއެވެ. މިދާއިރާއަކީ ރައީސް މުޙައްމަދު ނަޝީދަށް ޓަކައި އިލެކްޝަންސް ކޮމިޝަނުން ދުރުމީ އަޅައި ބަލައި ގެތައް ހޯދައިގެން ހަދައިދިން ދާއިރާއަކަށްވާތީ ލޯކަލް ކައުންސިލްގައި އެމްޑީޕީން ނެރެފައިވަނީވެސް ނަޝީދުގެ ޕޮޕިއުލަރިޓީ ހިފަހައްޓާނެފަދަ ހަރުދަނާ ކެނޑިޑޭޓެކެވެ. އެކަމަކު މިއިންތިޚާބުގައި ވޯޓުދިން ގިނަ ރައްޔިތުން ވޯޓުދިނީ އެމްޑީޕީއާއި ދިމާ އިދިކޮޅަށެވެ.

އިދިކޮޅު ޕީޕީއެމުން މިދާއިރާއަށް ނެރުނު ކެނޑިޑޭޓް ދާއިރާގެ އެއްވެސް ގެއަކަށް ޒިޔާރަތްނުކޮށް، ކެމްޕެއިންވެސް ނުކޮށް، ހަމައެކަނި އޭނާގެ ނަން ޕާޓީން ކެނޑިޑޭޓުންގެ ލިސްޓުގައި ޖެހިކަމަށްޓަކައިވެސް އޭނާއަށް އެދާއިރާއިން ގިނަބަޔަކު ވޯޓުދީފިއެވެ. އަދި ޖުމްލަ ނަތީޖާއަށް ބަލާނަމަ އެމްޑީޕީއަށް ރައްޔިތުން ނޫނެކޭ ބުނެފިއެވެ.

މައްޗަން ގޮޅީ މެދުދާއިރާއަކީ ރަށްރަށުގައި އާއިލީ މީހުން ކައުންސިލަށް ހޮވާގޮތަށް ވޯޓުދިން ދާއިރާއެއް ނޫނެވެ. މިދާއިރާގެ ރައްޔިތުން ވޯޓުދިނީ ޕާޓީއަށެވެ. މާލޭގައި ޕާޓީގެ މޫނުމައްޗަކީ ރައީސް މުޙައްމަދު ނަޝީދު ކަމާއިމެދު ޝައްކެއްވެސް ނެތެވެ. އެހެންކަމުން މައްޗަންގޮޅީ މެދުދާއިރާއިން ފެނިގެންދިޔަ ޙަޤީޤީ މަންޒަރަކީ ރައީސް މުޙައްމަދު ނަޝީދުގެ ޕޮޕިއުލަރިޓީ ވަރަށް ބޮޑު ތަނުން ދަށަށް ގޮސްފައިވާތަނެވެ. މާލޭގެ ހުރިހައި އަވަށްތަކުންވެސް އެދިނީ ހަމަ އެއް މެސެޖެކެވެ.

ސަބަބަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ހައްދަވަންޏާ އެހެން ހައްދަވައިގެން ހިތްޕުޅަށް ތަސައްލީއެއް ހޯއްދެވޭތޯ ބައްލަވަންވީއެވެ. އެކަމަކު ޕާޓީގެ ލީޑަރޝިޕް ނަންގަވައިގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ނުފޫޒު ބޭނުންކުރައްވައިގެން ޤާނޫން އަސާސީ ބަދަލުކޮށް ބަރުލަމާނީ ނިޒާމަކާއެކު މުޙައްމަދު ނަޝީދު އިންތިޚާބަކަށް ނުކުމެވަޑައިގެންފިނަމަ އަރުއްވަން ޖެހިވަޑައިގަންނަވާނެ އުސް ފަރުބަދަ ލޯކަލް ކައުންސިލް އިންތިޚާބުގެ މައްޗަން ގޮޅީ މެދުދާއިރާގެ ނަތީޖާއިން ވިސްނާ ފިކުރުކޮށް ހަދާ ބަޔަކަށް ފެންނާނެއެވެ. އެމްޑީޕީގެތެރެއިން ނަގާޕޯލްތަކުން ފެންނަ މަންޒަރާއި އަސްލު ޙަޤީޤީ މަންޒަރު އުޑާއިބިމާއިހާ ތަފާތުކަން މިއިންތިޚާބުން ފެނިގެން ހިނގައްޖެއެވެ.

Advertisement

ކޮމެންޓް