އެލްއެފް ފުޓްސަލް ކަޕް 2021 މިމަހުގެ 20ވަނަ ދުވަހު ފަށަނީ

15 Apr 2021 | 16:26

ގިނަބަޔަކު އިންތިޒާރުކުރަމުންދިޔަ "އެލްއެފް ފުޓްސަލް ކަޕް 2021" މިހިނގާ އެޕްރީލްމަހުގެ 20ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވުމުން މި މުބާރާތް ފަސްކުރުމަށް ނިންމި ނަމަވެސް، މުބާރާތް އިންތިޒާމްކުރާ ފަރާތްތަކުން ވަނީ މުބާރާތް ބޭއްވުމަށް ނިންމާފައެވެ. މި މުބާރާތުގައި މީގެކުރިން ބައިވެރިވި ބައެއް ޓީމްތަކުން ނަންތައް އަނބުރާ ނެގުމުން، ގްރޫޕް ސްޓޭޖަށް އަލުން ގުރުއަތު ނެގުމަށް ވަނީ ނިންމާފައެވެ.

"ވޮއިސް"އަށް މަޢުލޫމާތުދެއްވަމުން އެމްވީ ޔޫތު އަދި ހުޅުމާލޭ ޔޫތު މޫވްމެންޓް (އެޗްވައިއެމް)އިން ގުޅިގެން އިންތިޒާމްކުރާ މި މުބާރާތުގެ ހިންގާ ކޮމެޓީގެ އިސްވެރިޔާ ޙަސަން ޝަހީދު ވިދާޅުވީ ޖުމްލަ 32 ޓީމު ބައިވެރިވާ މި މުބާރާތް އޮންނާނީ އެކި ސްޓޭޖްތަކަށް ކަމަށެވެ. އެގޮތުން ގްރޫޕް ސްޓޭޖް، ގަދަ 16، ކުއާޓަރ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލް އޮންނާނެކަމަށް ޝަހީދު ވިދާޅުވިއެވެ. ސެމީ ފައިނަލް ހިސާބަށް މެޗުތައް އިންތިޒާމްކުރެވޭނީ ގުރުއަތުލައިގެންނެވެ.

މިއީ ހުޅުމާލޭގެ ޖަމުއިއްޔާއަކުން އިންތިޒާމްކޮށްގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު މުބާރާތްކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެލްއެފް ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާވެސް ދޭން ވަނީ ނިންމާފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ "ވޮއިސް" އެވެ.

Advertisement

ކޮމެންޓް