Advertisement

އެމްޑީޕީއަށް ގިނަ ގޮނޑިތައް ގެއްލުނީ މާލޭގެ ރައްޔިތުންނަށް ދޯކާ ދިނުމުން: ޝުއައިބު

15 Apr 2021 | 14:29

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ގޮނޑިތަކެއް ގެއްލިގެންދިޔައީ މާލެ ސިޓީގެ ރައްޔިތުންނަށް "ދޯކާ" ދިނުމުން ކަމަށް، އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ މުޤައްރިރު ޝުޢައިބު ޢަލީ ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު، އެ ޓްވީޓްގައި އެމްޑީޕީގެ އިސް ބޭފުޅުން ޓެގް ކުރައްވާފައިވެއެވެ.

"ނޯ ގޯތި، ނޯ ވޯޓު" ޝުއައިބު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ދާއިރާގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ގެއްލުނީ، މާލެއަށް އެންމެ ބޮޑަށް ޙައްލު ބޭނުންވާ މައްސަލަތައް ޙައްލު ނުކުރެވި، މިކަމުގައި ސަރުކާރު ފެއިލް ވުމުން ކަމަށް އެމްޑީޕީގެ މެންބަރުންވެސް ގަބޫލު ކުރައްވައެވެ.

ރައީސް އޮފީހުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ، ނިމިދިޔަ ކައުންސިލް އިންތިޚާބަކީ މާލޭގެ ރައްޔިތުން މެސެޖެއް ދިން އިންތިޚާބެއްކަން ފާހަގަކުރައްވައި، މައްސަލަތައް ޙައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

11 އަހަރަށް ފަހު، މާލެ ސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު އިންތިޚާބުގެ ބައެއް ވޯޓުފޮށިތައް އަލުން ގުނައި ދިނުމަށް އެޕާޓީން ވަނީ އެދިފައެވެ. އެގޮތުން މާލެ ސިޓީގެ ހެންވޭރު ދެކުނު ދާއިރާއާއި، ހެންވޭރު ހުޅަނގު ދާއިރާއާއި، މައްޗަންގޯޅި އުތުރު ދާއިރާއާއި، މާފަންނު އުތުރު ދާއިރާގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައި ދިނުމަށް ވަނީ އެދިފައެވެ. 

Advertisement

ކޮމެންޓް