ކަޝްމީރުގެ މައްސަލައިގައި އިންޑިއާއާ ޕާކިސްތާނާއި ދެމެދު ސިއްރު މަޝްވަރާތަކެއް ބޭއްވިކަމަށް ރިޕޯޓްކޮށްފި

15 Apr 2021 | 15:38

އިންޑިއާއާ ޕާކިސްތާނާއި ދެމެދު ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ޖައްމޫ ކަޝްމީރުގެ މައްސަލައާއި ގުޅޭގޮތުން ދެޤައުމުގެ މެދުގައި މިއަހަރުގެ ތެރޭގައި މަޝްވަރާތަކެއް ބޭއްވިކަމަށް ރޮއިޓާސް ނިއުސް އޭޖެންސީގެ ފަރާތުން ރިޕޯޓްކޮށްފިއެވެ.

ކަޝްމީރުގެ މައްސަލައަކީ ޒަމާނުއްސުރެ އިންޑިއާއާ ޕާކިސްތާނާއި ދެމެދުގައި ޚިޔާލުތަފާތުވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެގޮތުން ދެޤައުމުންވެސް ކަޝްމީރުގެ ބައެއްގައި ވެރިކަން ކުރަމުންދާއިރު، މުޅި ކަޝްމީރަކީ އެފަރާތްތަކުގެ މިލްކެއް ކަމަށްވެސް ދެޤައުމުން ދަޢުވާކުރެއެވެ. އަދި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކަށް އެހީތެރިވާކަމުގެ ތުހުމަތުގެ އިނގިލިވެސް އަބަދު ދިއްކުރެއެވެ.

އިންޑިއާގެ ދިއްލީގައިވާ ރޮއިޓާސް ނިއުސް އޭޖެންސީގެ ބްރާންޗްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކަޝްމީރުގެ މައްސަލަ ފިނިކުރުމަށް ޕާކިސްތާނާއި އިންޑިއާގެ އިސް ޖާސޫސީ ފަރާތްތަކުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ބައްދަލުކޮށްފައެވެ. އެގޮތުން އިންޑިއާގެ ރޯ އަދި ޕާކިސްތާނުގެ އައިއެސްއައިގެ އިސް ފަރާތްތަކުން، ޔޫއޭއީ މެދުވެރިވެގެން ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވިކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ފާއިތުވެދިޔަ މަސްތަކުގައި ޔޫއޭއީގެ އިތުރުންވެސް ދުނިޔޭގެ އެހެނިހެން ބޮޑެތި ޤައުމުތަކުގައި ދެޤައުމުގެ ޖާސޫސީ އިދާރާތަކުގެ އިސްފަރާތްތަކުން ބައްދަލުވުންތައް ބޭއްވިކަމަށް މިހާރު ވަނީ ވާހަކަ ދެކެވެން ފަށާފައެވެ.

ގިނަ އަހަރުތަކެއް ވާންދެން ހަތުރުވެރިކަމުގައި އޮތް އިންޑިއާ އަދި ޕާކިސްތާނުގެ ގުޅުންތައް ރަނގަޅުވަމުންދާކަމުގެ ނިޝާންތައް ދަނީ މަޑުމަޑުން ފެންނަމުންނެވެ. މިކަމުގެ ފަހަތުގައި ވަނީ ގިނަ ދުވަސްތަކެއްވާންދެން ޔޫއޭއީއިން ކުރި މަސައްކަތްތަކެއް ކަމަށް ދަނީ ސިފަކުރެވެމުންނެވެ.

Advertisement

ކޮމެންޓް