21 ވަނަ ގަރުނުގައި "ބޭފުޅިޒަމް"އަކަށް ޖާގައެއް ނެތް: ޢަލީ ޙުސައިން

15 Apr 2021 | 23:23

އެކާވީސްވަނަ ގަރުނުގައި "ބޭފުޅިޒަމް"އަށް ޖާގައެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. ޢަލީ ޙުސައިން ވިދާޅުވީ، ވެރިރަށް މާލެއަށް ނިސްބަތްވާ މީހަކަށް ވީތީ ކުޅަނދު ހަމަވެފައި، އަތޮޅުތެރެއަށް ނިސްބަތްވާ މީހަކަށް ވީތީ ކުޅަނދު މަދުވާނެ ކަމަކަށް މިހާރު ގިނަ ދިވެހީން ޤަބޫލު ނުކުރާނެ ކަމަށެވެ.

"ބޭފުޅިޒަމްއާއި ރޭސިޒަމް(ނަސްލީ ތަފާތުކުރުން)އަށް 21 ވަނަ ގަރުނުގައި ޖާގައެއް ނޯންނާނެ" ޢަލީ ޙުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީހެއްގެ ގާބިލުކަން މިނެކިރުމުގައި، އެމީހާ އަކީ ޅ.ހިންނަވަރަށް ނިސްބަތްވާ މީހެއްތޯ، ނުވަތަ ހއ.ވަށަވަރަށް ނިސްބަތްވާ މީހެއްތޯ ރައްޔިތުން ނުބަލާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވިއިރު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި، މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވި ޑރ.މުޙައްމަދު މުއިއްޒުވަނީ، އެމްޑީޕީގެ ކެންޑިޑޭޓް އަނަސް ޢަބްދުއްސަތާރުއާއި ވާދަކުރައްވައި، ވަރަށް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިފައެވެ.

ޑރ.މުޢިއްޒު އަކީ ވަށަފަރަށް ނިސްބަތްވާ ބޭފުޅަކަށް ވުމުން، އެމްޑީޕީގެ އިސް ބޭފުޅުންގެ ފާޑުކިޔުމާއި މަލާމާތުގެ ބަސްތައް އޭނާއަށް އަމާޒުވިއެވެ.

މީގެއިތުރުން، ޅ.ހިންނަވަރަށް ނިސްބަތްވާތީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށްވެސް އިދިކޮޅު ފަރާތްތަކުގެ މަލާމާތުގެ ބަސްތައް އަމާޒުވެފައިވެއެވެ. 

Advertisement

ކޮމެންޓް