ރައީސް ޔާމީނަށް ރޭ ކޮވިޑް ވެކްސިން ނުޖެހުނީ ކަރެކްޝަންސްގެ ސަބަބުންކަމަށް ބުނެފި

15 Apr 2021 | 23:32

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވެކްސިން ނުޖެހުނީ ކަރެކްޝަންސް އިން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަނުޖެހުމުން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ނެރުުުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތީން ކޮވިޑް-19 ގެ ވެކްސިން ޖެހުމަށްޓަކައި އެމަނިކުފާނު ރޭގެ ވަގުތެއްގައި މާލެ ގެނައުމަށް ކަމަށްބުނެ މާފުށީ ޖަލުން ފުރި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ލޯންޗު މާލޭ އުތުރު ފަރާތު 01 ނަމްބަރު ޖެޓީ ސަރަޙައްދު ބޭރުގައި ޓްރާންސްޕޯޓު ހަމަނުޖެހޭ ކަމަށްބުނެ އެތައް އިރެއްވަންދެން ދުއްވާލަ ދުއްވާލާ އޮތުމަށްފަހު މާފުށީޖަލު ކައިރީވެސް އެތައް އިރަކު މަޑުކޮށްގެން އޮތުމަށްފަހުވެސް ޓްރާންސްޕޯޓު ހަމަނުޖެހުމުގެ ސަބަބުން ވެކްސިންޖެހޭ ގޮތް ނުވެ، އެމަނިކުފާނު މާލެއަށްވެސް ބޭލުމަކާއި ނުލައި އެންމެ ފަހުން އެނބުރި މާފުށީ ޖަލަށް ގެންގޮސްފައިވަނީ އެއްވެސް ހާލެއްގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެކްސިން ޖެހުމަށް އިންކާރުކުރައްވާފައިވާތީ ނޫން ކަމަށް ވަކީލުންގެ ޓީމުން ނެރުު ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެގޮތަށް ކަންހިނގާފައިވަނީ ވެކްސިން ޖެހުމަށްޓަކައި ހަމަޖެއްސޭނެ އިންތިޒާމުތައް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އިހުމާލުން ހަމަޖެހިފައިނުވާތީ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އަދި އެމަނިކުފާނާމެދު އިހުމާލުވުމަށްފަހު، ވެކްސިން ނުޖެހި އެނބުރި ދާންޖެހިފައިވަނީ އެމަނިކުފާނު ވެކްސިން ޖެހުމަށް އިންކާރުކުރައްވާފައިވާތީ ކަމަށް ބަޔާންކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ނޫސްތަކަށް މަޢުލޫމާތު ދީފައިވުމަކީ ސީދާ އެމަނިކުފާނު ބަދުނާމުކޮށް އެމަނިކުފާުގެ އަގު ވައްޓާލުމަށްޓަކައި އެސާރވިސް އިން ހިންގާފައިވާ ހުތުރު ޢަމަލެއް ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް