މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރއަކަށް އެންމެންގެ އައްލޮ!

16 Apr 2021 | 00:00

ކުރިއަށް އޮތް މާލޭ ސިޓީ ކައުންސިލްގެ އާ ދައުރުގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރުކަމުގެ މަޤާމަށް އިންތިޚާބުވެފައިވާ ޢަބްދުﷲ ނާސިރު (ހެރިންސް އައްލޮ) ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

ހެރިންސް އަައްލޮ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ރައްޔިތުން ދީފައިވާ ފުރުޞަތު އެންމެ ހެޔޮގޮތުގައި ހިއްޕަވާނެކަމަށާއި، ރައްޔިތުންގެ ޙައްޤުގައި މަސައްކަތުގައި ﷲގެ ވާގިފުޅާއެކު ޑރ.މުޙައްމަދު މުޢިއްޒުގެ ފަހަތުން ޑެޕިއުޓީ މޭޔަރަކަށްވުމުގެ ޝައުގުވެރިކަން އެބޭފުޅާ ގެންގުޅުއްވާ ކަމަށެވެ.

ޖަމުޢިއްޔަތުއްފަލާޙުގެ ބާނީ ކަމުގައިވާ އަބޫބަކުރު އިބްރާހީމް، (ވައިތެޔޮ އަބޫބަކުރު) އާއި ޝަރީފާ މުޙައްމަދު ގެ ދަރި ނާސިރު (އައްލޮ)، ދިރޭރާމްގެ އަކީ ސިޔާސީ މައިދާނުގައި އާ މޫނަކަށް ނުވާނެއެވެ. އިޖުތިމާޢީ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއިން އެންމެންގެ އެކުވެރި އައްލޮ އަކީ ނަމޫނާ ބޭފުޅެކެވެ.

އައްލޮ އަކީ އެންމެ ކުޑައިރުންސުރެ އިޖުތިމާޢީ ހަރަކާތްތަކުގައި އިސް ސަފުގައި ފެންނަ ބޭފުޅެކެވެ. އައްލޮގެ ބައްޕަ "ވައިތެޔޮ އަބޫބަކުރު"ގެ އިޖުތިމާޢީ އަސަރު އައްލޮގެ ފުށުން ފިސާރި ރަނގަޅަށް ފެނިގެންދާނެއެވެ. އޭގެ ހެއްކަކީ ޖަމުޢިއްޔަތުއްފަލާޙުގެ ބޯޑުގެ މެންބަރު ކަމުގައި ބައްޕަގެ ލެގަސީ އައްލޮ ދަނީ ދަމަހައްޓަމުންނެވެ.

މީގެ އިތުރުން ވިޔަފާރިގެ ދައިރާގައި ރާއްޖެއިން ފާހަގަކޮށްލެވޭ ވިޔަފާރި ނަމެއް ކަމުގައިވާ "ހެރިންސް"ގެ އެއް ތަނބަކީ އައްލޮއެވެ. ގިނަ ބަޔަކު "ހެރިންސް އައްލޮ" ކިޔަނީ އެހެންވެގެންނެވެ. ވަރަށް ޒުވާން އުމުރުން ފެށިގެން އައްލޮ ދަނީ ވިޔަފާރީގައި ހަރަކާތްތެރިވަމުންނެވެ. އެހެންކަމުން އައްލޮއަށް މެނޭޖްމެންޓްގެ ދާއިރާގެ ވަރަށް ގިނަ ތަޖުރިބާ ވަނީ ލިބިފައެވެ. އައްލޮ މަސައްކަތުގެ ހަޔާތް ހޭދަކޮށްފައިވަނީ އޮފީސް ހިންގުމާއި ޕްރޮޖެކްޓް މެނޭޖްކުރުމުގެ ދާއިރާގައެވެ. މީގެ އިތުރުން ދަނޑުވެރިކަމަށް ހުންނަ ޝައުގުވެރިކަމުން އެކަންވެސް ދަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

އެންމެ ޒުވާން އިރުންފެށިގެން އައްލޮއަކީ ސިޔާސީ ކަންކަމަށް ފިކުރު ހިންގާ އަވަށު މީހުންނާވެސް ސިޔާސީ ވާހަކަ ދައްކާ މީހެކެވެ. ސިޔާސީ ވާދަވެރިކަމުގައި ނުޖެހި ހުރިހާ ފިކުރެއްގެ ބަޔަކާއި ވެސް ގާތްކަން ބާއްވާ މީހެކެވެ. އައްލޮ ސިޔާސީ ކަންކަމަށް ނުކުތީ ޒަމާނުންސުރެ ދާއިރާގެ މީހުންގެ ހުރި ޝަކުވާތައް ކަމާއި ބެހޭ ފަރާތްތަކާއި ހަމައަށް ގެންގޮސް އެކަންކަމަށް ޙައްލު ގެނެސްދޭށެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދުތަކެއް އަބަދުވެސް އޮވޭ މާފަންނާއި މެދު. އެންމެ ކުރިންސުރެ ވަރަށް ގާތްކަމެއް އޮވޭ އަވަށު މީހުންނަށް، އެހެންވެ އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ ދާއިރާއަށް ކަމެއް ކޮށްދޭން. އެކަމަށް ވަރަށް ކުރިންސުރެ ވިސްނަމުން އައީ. ދާއިރާއާއި މެދު އަޅުގަނޑުގެ އޮތް ތަސައްވުރު ޙަޤީޤަތަކަށް ހަދަން ފުރުޞަތެއް ލިބުން އެއީ އަޅުގަނޑުގެ އެދުން." އައްލޮ ސިޔާސީ މަސައްކަތަށް ނުކުތީ ތަސައްވުރު ޙަޤީޤަތަކަށް ހަދަންކަމަށް ވިދާޅުވެއެވެ.

އައްލޮ ދަންނަ ގިނަ މީހުންގެ ޝަކުވާ އާއި ބޭނުންތަކަށް ބިނާކޮށް އައްލޮގެ ޕްލޭން ވަނީ އެކުލަވާލާފައެވެ. އެ ޕްލޭން އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް މިކެމްޕޭންގެ ތެރޭގައިވެސް ކުރިއަށް ދިޔަކަށް އައްލޮ ވިދާޅުވެއެވެ. އެއީ ދޮރުން ދޮރަށް ހިނގިއިރު ގެތަކުން ލިބުނު ޚިޔާލުތަކެވެ. އެބޭފުޅުންގެ ޖަޒުބާތުތަކެވެ. "ދޮރުން ދޮރުން ހިނގުން ވެގެންދިޔައީ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލުން އެއީ ނިންމުނު ރަނގަޅު ނިންމުމެއްކަން އިހުސާސް ވެގެންދިޔަ ކަމެއް" ކަމުގައި އައްލޮ ވިދާޅުވެއެވެ.

Advertisement

ކޮމެންޓް