ޚާރިޖީ ވަޒީރު ޝާހިދު އިންޑިއާއަށް ގެންދެވުނީ ކޮންކަމެއްގައިބާ؟

17 Apr 2021 | 14:18

ރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ނަތީޖާ ނުކުތުމާއެކު ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު ދެ ދުވަހުގެ ކުއްލި ދަތުރުފުޅެއްގައި މިމަހުގެ 15 އިން 16 އަށް ނިއުދިއްލީއަށް ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒިރު ނަރެންދުރަ މޯދީގެ ސަރުކާރުން ދައުވަތު ދެއްވައިގެން ވަޑައިގެން އިންޑިއާގެ ޚާރިޖީ ވަޒީރު ޖައި ޝަންކަރްއާއި ބައްދަލުކުރައްވާފައިވެއެވެ. އިންޑިއާގައި ރޮކޮޓް ސްޕީޑްގައި ކޮވިޑް ބަލިމަޑުކަން، ފެތުރި ބުރާސްފަތިދުވަހު 2 ލައްކަ މީހުންނަށް ބަލިޖެހި، ވެރިރަށް ނިއުދިއްލީގައި ކާފިއުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ހައްސާސް ދަނޑިވަޅެއްގައި ކުއްލިގޮތަކަށް ޚާރިޖީވަޒީރު ނިއުދިއްލީއަށް ވަޑައިގަތުމަށް އިންޑިއާގެ ޚާރިޖިއްޔާއިން ދައުވަތު ދެއްވުމުން ކޮންމެވެސް ވަރެއްގެ ސީރިއަސްކަމެއް އުފެދިގެން އުޅޭކަން ދޭހަވެއެވެ. އެހެންނޫންނަމަ މެދުކެނޑުމެއްނެތި އެއްލައްކައިން މަތީގައި ކޮވިޑްކޭސްތައް ހުންނަތާ ހަފްތާއަކަށްވުރެ ގިނަދުވަސްވެފައިވަނިކޮށް ބޭރު ގައުމެއްގެ އެނެމެ އިސް ޑިޕްލޮމެޓަކު އިންޑިއާއަށް ގެންދެވުމަކީ، އަދި ވަޑައިގަތުމަކީ ދުރުކަމެކެވެ. އިންޑިއާ ސަރުކާރުންވެސް ބޭރުގައުމުތަކާއެކު ގިނަ ރަސްމީ ބައްދަލުވުންތައް ބާއްވަނީ ވީޑިއޯ ކޮންފަރެންސް ހައްދަވައިގެންނެވެ.

ޝާހިދުގެ މި ކުއްލި މިދަތުރުފުޅާއި ގުޅޭގޮތުން ރާއްޖޭގެ ޚާރިޖިއްޔާއިން މިހާތަނަށް ހާމަކޮށްފައިވަނީ އިންޑިއާގެ ޚާރިޖީވަޒީރު ޖައި ޝަންކަރާއި ބައްދަލުކުރައްވައި ބައިލެޓްރަލް އަދި މަލްޓިލޭޓްރަލް ކަންކަމާއިގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުތަކާއިބެހޭގޮތުންވެސް މަޝްވަރާ ކުރައްވާނެކަމަށެވެ. މިއީ ދެގައުމުގެ ޚާރިޖީވަޒީރުންނަށް ވީޑިއޯ ކޮންފަރެންސުންވެސް ކުރިއަށް ގެންދެވިދާނެފަދަ އާދައިގެ މަޝްވަރާތަކެކެވެ.

އިންޑިއާގެ ނުތަނަވަސްކަން

އެހެންކަމުން ޝާހިދުގެ މިދަތުރުފުޅަކީ ނަވުގުތެއްގައި ކުރައްވާ ވަރަށް ސީރިއަސް ދަތުރުފުޅެއްކަން ދޭހަވެއެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު އިންޑިއާއިން ނުތަނަވަސްކަން އެންމެ ބޮޑަށް އުފެދޭނެ ކަމަކަށްވާނީ ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާއެވެ. ލޯކަލްކައުންސިލްގެ އިންތިޚާބުކަމުގައިވީނަމަވެސް މިއީ އިންޑިއާއިން ނުހަނު މަދަދު ފޯރުކޮށްދެމުންދާ ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ޕޮޕިއުލަރިޓީ ރައްޔިތުންގެ މެދުގައި އޮތް މިންވަރު ދައްކުވައިދިން އިންތިޚާބެއްކަމަށް އިންޑިއާއިން ދެކެނީކަމަށް ވުމަކީ އެކަށީގެންވާކަމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ނަޒަރުގައިވެސް މިއީ މިޑްޓާމް އިލެކްޝަންއެކެވެ. އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ނަތީޖާއާއިމެދު ރައީސް ވަރަށް ބޮޑަށް ނުތަނަވަސްވެވަޑައިގެންފައިވާކަން ހާމަކުރައްވާފައިވެއެވެ. ސަރުކާރަށް ގޯސްކޮށް ކުރެވިފައިހުރިކަންކަން ބައްލަވައި ރަގަޅުކުރައްވާނެކަމަށް ވިދާޅުވިއެވެ. އިންތިޚާބުގައި އެމްޑީޕީން ނެރެފައިވާ ދަށްނަތީޖާ ދިފާއުކުރައްވައި ވެރިކަން ކުރާ އެމްޑީޕީން ކޮންމެފަދަ ވާހަކަތަކެއް ދެއްކިނަމަވެސް، ނުވަތަ އިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީންކަމަށް އެޕާޓީން ބުނަމުންދިޔަނަމަވެސް އިންޑިއާ ސަރުކާރުން ދެކޭގޮތް ތަފާތުކަން ޚާރިޖީވަޒީރު ޝާހިދު އިންޑިއާއަށް ވަޑައިގަތުމަށް ދެންނެވުމުން އެގިގެންދެއެވެ. އަދި އެންމެ ފުރަތަމަ ޝާހިދު ގެންދެވުމުން އެހެން މަންޒަރެއްވެސް ސިފަވެގެންދެއެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ޕޮޕިއުލަރިޓީ ވެށްޓެމުންދާކަން ޚުދު އިންޑިއާގެ ސިޔާސަތު ރާވާފަރާތްތަކުންވެސް މިހާރު ގަބޫލުކުރަން ފަށައިފިކަމެވެ. ނުވަތަ ރައީސް ސާލިހްއާ ރައީސް މުހައްމަދު ނަޝީދާއި ދެމެދު އުފެދިފައިވާ ދެބަސްވުން ހައްލުކުރަން އިންޑިއާއިން ބޭނުންވާކަން ޝާހިދު މެދުވެރިކުރައްވައި އެންގަވަން ބޭނުން ވުމެވެ. އެމްޑީޕީގެ ސަރުކާރު ދެމިއޮތުމަކީ އިންޑިއާގެ މަސްލަހަތާއި ނުހަނު ގުޅިފައިވާ ކަމެއްކަން ސާފުކޮށް ދެންނެވުމެވެ. އިންތިޚާބާއި ދިމާކޮށް އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ ގިނަ ގުނަ މަޝްރޫއުތަކެއް އިއުލާންކުރެވުނެވެ. އެކަމަކު އޭގެ ނަތީޖާ އިންޑިއާއިން ބޭނުންވި ފަދައަކުން ނުނުކުތެވެ. އެކަމުގެ ސަބަބު ދެނެގަންނަން އެގައުމުން ބޭނުންވާނެއެވެ.

ދެކުނު އޭޝިޔާގައި އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރުގެ ގޮތުގައި ހަމައެކަނި ސިފަކުރެވެނީ ބަންގްލަދޭޝްއާއި ދިވެހި ރާއްޖޭގެ ސަރުކާރެވެ. މިދިޔަ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބަންގްލަދޭޝްއަށް ވަޑައިގެންނެވުމުން އެގައުމުގައި ވަރުގަދަ ދެކޮޅު ވެރިކަމަކާއި ރައްޔިތުންގެ މުޒާހަރާތަކެއް ފެނިގެންގޮސްފައިވެއެވެ. ދިވެހި ރާއްޖޭގައި އިދިކޮޅު މަންޒަރެއް ފެނިގެން މިދޔައީ ރައްޔިތުންގެ ވޯޓުންނެވެ.

ކޮންމެއަކަސް ރިޔާސީ އިންތިޚާބު ބޯމަތިވަމުންދާއިރު ނަޝީދާއި ސާލިހް ގެންދަވަނީ ސިޔާސީ ދެ ދުޝްމަނުންފަދައިން ރިޔާސީ ޓިކެޓަށް ހަގުރާމަކުރައްވަމުނެވެ. ރައީސަށް ދެވަނަ ދައުރަކަށް ޓިކެޓް ދިނުމަކީ އުސޫލެއްގެ ގޮތުން އެޕާޓީން ގަބޫލުކޮށްފައިވާ ހަމަކަމުގައިވިޔަސް ނަޝީދު ނޫންމީހަކަށް ޓިކެޓް ދާން ނަޝީދު ބޭނުންފުޅެއް ނުވެއެވެ. އިންތިޚާބުގެ އެންމެ ޚުތޫރަތްތެރި ވަގުތުގައި ވެންޓިލޭޓަރުގެ މައްސަލާގައި ރައީސް ސާލިހްގެ ސަރުކާރަށް ވަގު ސަރުކާރެކޭ ވިދާޅުވީވެސް އެވާދަވެރިކަމާއި ހުރެއެވެ. މިގޮތަށް އޮވެ ރިޔާސީ އިންތިޚާބަށް ނުކުމެއްޖެނަމަ އެމްޑީޕީއަށް ވެގެންދާނެ ގޮތާއި އިންޑިއާއަށް ކުރިމަތިވާނެ ކްރައިސިސް އިންޑިއާގެ ސިޔާސަތު ރާވާ ފަރާތްތަކަށް ރަނގަޅަށް ވަޒަންކުރެވޭނެއެވެ. ސްރީލަންކާއިން އެކަމުގެ ފިލާވަޅެއް އިންޑިއާއަށް ލިބިފައިވެއެވެ. އަދި ރާއްޖޭގެ ވެރިރަށުގެ މޭޔަރަކަށް ހޮވިވަޑައިގެންނެވި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް މުއިއްޒަށް ޗައިނާއިން މަރުހަބާ ކިޔުމުންވެސް އިންޑިއާއަށް އެނުރައްކާ މާބޮޑަށް އިހްސާސްކުރެވިގެންދާނެއެވެ. 

Advertisement

ކޮމެންޓް

Advertisement