ފަތުރުވެރިކަން ކުރިއަށްގެންދެވޭނީ އެއްޢަޒުމެއްގައި މަސައްކަތްކޮށްގެން: ރައީސް

27 Sep 2018 | 19:16

ހަލުވި ދުވެއްޔެއްގައި ދިވެހި ފަތުރުވެރިކަން ދަތުރުކުރަމުން ކުރިއަށްދާއިރު، މި ޞިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ދިވެހި އެންމެހާ ރައްޔިތުން އެކުގައި މަސައްކަތްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި ވިދާޅުވީ، ހަލުވި ދުވެއްޔެއްގައި ދިވެހި ފަތުރުވެރިކަން ދަތުރުކުރަމުން ކުރިއަށްދާއިރު، މި ޞިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ދިވެހި އެންމެހާ ރައްޔިތުން އެކުގައި މަސައްކަތްކޮށް، ރާއްޖޭގެ ޞުލްޙަމަސަލަސްކަން ގާއިމްކޮށް، މި ޢަޒުމުގައި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވައިގެންކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު ޙިއްޞާއެއް އަދާކުރާ ޞިނާޢަތަކީ ފަތުރުވެރިކަމުގެ ޞިނާޢަތް ކަމަށްވާއިރު، މި ޞިނާޢަތް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި މި ސަރުކާރުން މިވޭތުވެދިޔަ ފަސް އަހަރު ދުވަހު ކުރި މަސައްކަތްތަކުގެ ނަތީޖާއާ ދޭތެރޭ ވަރަށްބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންވާ ކަމަށެވެ. މިގޮތުން ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 35 އައު ރިޒޯޓް، 7 ހޮޓެލް، އަދި 495 ގެސްޓްހައުސް ހުޅުވިފައިވާކަން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، މީގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 4 ޑޮމެސްޓިކް އެއަރޕޯޓް ހުޅުވިފައިވާ ކަމާއި، އަދި 6 ޑޮމެސްޓިކް އެއަރޕޯޓުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ. އެހެންކަމުން، މިކަންކަމަކީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަމުގައި ވިދާޅުވެ މިކަމާއި އުފާފާޅުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ލިބޭ ކޮންމެ ކުރިއެރުމަކީ މި ޤައުމަށާއި ރައްޔިތުންނަށް ލިބޭ ކުރިއެރުމެއްކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އަތޮޅުތަކަށް ފުޅާވެ، ވަޒީފާތައް އިތުރުވަމުން ދިޔުމަކީ، ރަށްރަށުގެ ތަނަވަސްކަމަށާއި، ޢާއިލާތަކުގެ ތަނަވަސްކަމަށް، އެކަމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަމާއި ފަތުރުވެރިކަން ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރުމަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ އިތުރު ބާރެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

ކޮމެންޓް