Advertisement

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ފުރުސަތު މުސްތަޤްބަލުގައި ދޭން ވިސްނަނީ

17 Apr 2021 | 14:22

ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ދިނުމަށްފަހު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ އެމެރިކާގެ މަޝްހޫރު ޓީވީ ސްޓޭޝަނެއްކަމަށްވާ ސީއެންބީސީއަށް ދެެއްވި ބަަަސްދީގަތުމެއްގައި ޓޫރިޒަމް މިނިސްޓަރ މައުސޫމެވެ.

ޑރ.މައުސޫމް ވިދާޅުވީ "ތްރީވީ" ނުވަތަ "ވިޒިޓް، ވެކްސިނޭޓް އެންޑް ވެކޭޝަން" އިސްތިރާޖުގެ ދަށުން، ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ މާ ފަސޭހަގޮތެއް ލިބިގެންދާނެއެވެ. މިކަމަށް ޢަމަލުކުރުމަށް ފަށާނެ ވަކި ތާރީޚެއް މިނިސްޓަރ ހާމަކުރައްވާފައި ނުވާނަމަވެސް، މި އިސްތިރާޖުގެ ދަށުން ވެކްސިންގެ ދެ ޑޯޒް ލިބެންދެން ފަތުރުވެރިން ރާއްޖޭގައި ތިބެންޖެހޭނެކަމަށް ބެލެވެއެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި އުޅެމުންދާ ހުރިހާ ފަރާތްތަކަށް، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމައަށް ލިބުމެވެ. އަދި އެކަންވުމުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކޮވިޑް ވެކްސިންދޭން ތައްޔާރުވެވޭނެކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ. މިފަދައިން ޒިޔާރަތްކުރާ ފަތުރުވެރިން ވެކްސިނަށް އަގެއް ދައްކަންޖެހޭނެކަން މިނިސްޓަރ މައުސޫމް ސީދާ ފާހަގަކުރައްވާފައި ނުވާ ނަމަވެސް، ފުދޭވަރަކަށް ކޮވިޑް ވެކްސިންގެ ސަޕްލައި ހުރިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެގޮތުން ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ އިތުރުން، ޗައިނާ އަދި އިންޑިއާއިން ކޮވިޑް ވެކްސިން ލިބިފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން ސިންގަޕޫރުންވެސް އިތުރު ވެކްސިންތައް އޯޑަރުކޮށްފައިވާ ކަމަށާއި، ރާއްޖޭގެ އާބާދީ ކުޑަވުމުން ވެކްސިންގެ ސަޕްލައިގައި މައްސަލައެއް ދިމާވާނެކަމަށް ގަބޫލުނުކުރައްވާކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ. އަދި އެކި ޖަމާއަތްތަކުންނާއި އެކުވެރި ގައުމުތަކުންވެސް ވެކްސިން ލިބޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއިން ދާދިފަހުން ވަނީ 20 އެޕްރީލުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ ދެ ހަފްތާ ވެފައިވާ ފަރާތްތަކުން، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ނުޖެހޭނެކަމަށް ކަނޑައަޅާފައެވެ. ނަމަވެސް އެހެނިހެން ފަތުރުވެރިން ނެގެޓިވް ޕީސީއާރު ޓެސްޓެއް ގެންނަންޖެހޭނެއެވެ.

މަސްދަރު: ސީއެންބީސީ އިންޓަރނޭޝަނަލް

Advertisement

ކޮމެންޓް