ރައީސް ޔާމީންގެ މައްސަލައިގައި އިންސާނިއްޔަތުކަން އިސްކުރުމަށް ޝިޔާމް ގޮވާލައްވައިފި

17 Apr 2021 | 14:07

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް މިސަރުކާރުން އަނިޔާކުރީމާ ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުނީކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ޤަބޫލުކުރެވުނީތޯ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ސުވާލު އުފައްދައިފިއެވެ.

ޝިޔާމު މިގޮތަށް ސުވާލު އުފައްދައި ޓުވީޓުކޮށްފައިވަނީ ރައީސް ޔާމީން ވެކްސިން ޖައްސަވަން ދެކޮޅު ނުހައްދަވާ ކަމަށް ބުނެފައިވާ ޚަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.

ޝިޔާމް ވިދާޅުވީ، މިއީ މާތްވެގެންވާ މައްސަރެއް ކަމަށާއި، އިންސާނިއްޔަތުކަން ކުރިއަށް ނެރުއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

"މިއީ މާތްވެގެންވާ މައްސަރެއް. އިންސާނިއްޔަތުކަން ކުރިއަށް ނެރުއްވާ." ޝިޔާމުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށް މިވަގުތު ރައީސް ޔާމީން ހުންނެވީ ޖަލުގައެވެ. ޖަލުގައި ހުންނަވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދި ޢާއިލާއިންނާއި، އެމަނިކުފާނު ނިސްބަތްވާ ޕާޓީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ހަމަމިއާއެެކު ދާދި ފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ޔާމީންގެ ޞިއްޙީ މައްސަލައެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ކުރީގެ ފަސްޓްލޭޑީ މެޑަމް ފާޠިމަތު އިބްރާހީމް ފޮނުއްވި ސިޓީފުޅެއްގައި، ރައީސް ޔާމީންގެ ޞިއްޙީ މައްސަލަތަކެއް ހުރި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ރައީސް ޔާމީނަށް ޑޮކްޓަރުން ލަފާ ދެއްވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ނަމަވެސް، އެމަނިކުފާނު އެގޮތް ބޭނުންފުޅު ނުވާ ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement