Advertisement

ވައްޑޭގެ ދިފާއުގައި އެމްޑީޕީ: އޭނާ ދެއްކެވީ ދީނީ ޙުކުމަކާއި ގުޅޭ ވާހަަކައެއް ނޫން

17 Apr 2021 | 14:48

މަރުގެ ޙުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ކެމްޕެއިން ތަޤްރީރެއްގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން އެމްޑީޕީން އޭނާގެ ދިފާއުގައި ނުކުމެއްޖެއެވެ.

މަރަށްމަރު ހިފުމަކީ ވަރަށް "ސިކު" ބައެއް ކުރާނެ ކަމެއްކަމަށް ވަޙީދު ވިދާޅުވާކަމަށް ބުނެ މިވީޑިއޯ ސޯޝަލް މީޑިޔާގައި ދައުރުކުރަމުން އަންނައިރު ވަޙީދުގެ ފޮޓޯ ޖަހައިގެން އެކި ކަހަލަ ޕޯސްޓްތައް ހަދައިގެން އަންނަނީ ސޯޝަލް މީޑިޔާގައި ދައުރުކުރަމުންނެވެ.

ވައިރަލް ވަމުންދާ މިވީޑިއޯގައި ވަޙީދު ވަނީ ދިވެހީންގެ މުޅި މިނިވަންކަން ނަގާލަމުން މީހުން މަރަންވެގެން ޤިޞާޞް ހިފާނަމޭ ކިޔައިގެން ކެބިނުގައި އެވާހަކަ ދައްކާނީ "ވަަރަށް ސިކު" ބައެއް ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ.

"މިއޮތް ގަރުނުގައި ކެބިނެޓަށް އިންޖެކްޝަން ޖަހާލީމާ މަރުވާންދާއިރު ހަށިގަނޑު ވާންވާގޮތް ޕްރެޒެންޓޭޝަން ހަދައިގެން ހުށަހެޅި ބައެއް. ސިކު ބައެއްގެ ވާހަކަ މިދައްކަނީ." ވައްޑެ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އެ ތަޤްރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވާފައިވަނީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫންކަމަށެވެ.

އެއާޚިލާފަށް އޭނާގެ ވާހަކަ އަމާޒު ކުރައްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށާއި، ބައެއް މީހުން ވައްޑެ ދެއްކެވި ވާހަކަތައް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މީގެ ކުރިންވެސް ރ.އުނގޫފާރު ދާއިރާ ތަމްސީލު ކުރެއްވި މެންބަރު އަދި ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީވެސް އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލާފައިވާއިރު، އެމައްސަލައާއި، ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ މީހުންނާއި ގުޅުން އޮންނަ ކަމަށް ތަޙުޤީޤުން އެނގޭ ކަމަށެެވެ.

މެންބަރު މުޙައްމަދު ވަޙީދު ދެއްކެވި ވާހަކައެއްގެ ޙަޤީޤަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ޢަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުން ގޮވާލާކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް