Advertisement

މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ޚާއްޞަ ސަމާލުކަމެއްދީގެން މަސައްކަތްކުރުމަށް އެމެރިކާ އަދި ޗައިނާއިން އެއްބަސްވެއްޖެ

18 Apr 2021 | 16:57

މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އެމެރިކާ އަދި ޗައިނާއިން ޚާއްޞަ ސަމާލުކަމެއް ދީގެން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެއެވެ.

މިފަދައިން އެއްބަސްވެފައިވަނީ ދެ ޤައުމުގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަންދޫބުންގެ މެދުގައި ޗައިނާގެ ޝެންހާއީގައި ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ. އެމެރިކާގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަންދޫބަކީ އެޤައުމުގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއެވެ. ޗައިނާގެ މަންދޫބަކީ ޝީ ޒެންހުއާއެވެ.

މި ބައްދަލުވުމަށްފަހު ދެޤައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ދެޤައުމުން ގުޅިގެންނާއި އެހެނިހެން ޤައުމުތަކާއި އެކު މަސައްކަތްކުރުމަށް ޗައިނާ އަދި އެމެރިކާއިން ތައްޔާރަށް އޮތްކަމަށެވެ. އަދި 2020ގެ އަހަރުތަކުގެ ތެރޭގައި، ޕެރިސް އެއްބަސްވުމާއި އެއް ހަމައެއްގައި ދުނިޔެ ހޫނުވުން ކޮންޓްރޯލްކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމާއި ބެހޭގޮތުން މަޝްވަރާކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.

2015ވަނަ އަހަރުގެ ޕެރިސް އެއްބަސްވުމުގައި ޤައުމުތަކުން ވަނީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ ތިރީގައި ބެހެއްޓުމަށް އެއްބަސްވެފައެވެ. ނަމަވެސް މި މަޤްޞަދުހާސިލުކުރުމަށް އެންމެ އެކަށޭނަ ފިޔަވަޅުތަކެއް ގިނަ ޤައުމުތަކުން އަަޅާފައި ނުވާކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޗައިނާއާއި އެމެރިކާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ޖައްވަށް ވިހަ މާއްދާތައް ދޫކުރާ ޤައުމުތަކެވެ. ނަމަވެސް މިފަހަކަށް އައިސް ދެޤައުމުންވެސް ދަނީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ޗައިނާގެ ފެހި އިޤުތިޞާދީ ހަރަކާތްތަކާއި، އެމެރިކާއިން އަލުން ޕެރިސް އެއްބަސްވުމުގައި ބައިވެރިވުން ހިމެނެއެވެ. މީގެ އިތުރުން، އެމެރިކާއިން އިސްވެ އޮވެ މިމަހުގެ 22 އަދި 23ގައި ޚާއްޞަ ވާޗުއަލް ސަމިޓެއް ބޭއްވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

Advertisement

ކޮމެންޓް