ކޮރަޕްޝަން އިތުރުވީ ދެފުށް ފެންނަ ގޮތަށް ކަންކަން ނުކުރާތީ: ސެންބެ

19 Apr 2021 | 13:31

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެގެން ދިޔައީ ސަރުކާރުން ދެފުށް ފެންނަ ގޮތަށް ޚަރަދު ނުކުރާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

ސެންބެ މިހެން ވިދާޅުވެފައިވަނީ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަަނަ މާއްދާގެ (ހ)، (ރ) އަދި (ބ)ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރުމުގެ މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ސެންބެ ވިދާޅުވީ ސަރުކާރުން އެއްވެސް ކަމެއް ޒިންމާދާރު ކަމާއިއެކީގައި ކުރަން ބޭނުން ނުވަނީ އާރާއި ބާރު ލިބުނުވަރު ބޮޑުކަމުން ކަމަށެވެ.

"ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ޢަމަލުކުރަން ފަސްކުރާކަށް އަޅުގަނޑު އެއްގޮތަކަށްވެސް ތާއީދު ނުކުރާ ވާހަކަ ދަންނަވަން. ސަރުކާރު ޖަވާބުދާރީ ކުރުވޭނެ އެއްވެސް މަގެއް ދައްކާފައެއް ނުވޭ" ސެންބެ ވިދާޅުވިއެވެ.

ސެންބެގެ ވާހަކައިގައި ވަނީ މިއަދަކީ އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށް ލިތާ 500 ވަނަ ދުވަސްކަން ފާހަގަކުރައްވައި، އެމަނިކުފާނު ޖަލަށްލުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް

Advertisement