ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބުދަ ދުވަހު ބޮޑު އެއްވުމެއް ބާއްވަނީ

19 Apr 2021 | 13:57

ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އަންނަ ބުދަ ދުވަހު މުޅި ރާއްޖޭގައި ހަރަކާތެއް ބޭއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.

މި ހަރަކާތް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ޕީޕީއެމްގެ އޮފީސްގެ ދޮރުމަތީގައެވެ.

މިފަދަ ހަރަކާތެއް ބޭއްވުމަށް އިދިކޮޅުން ނިންމިއިރު، މިއަދަކީ ރައީސް ޔާމީން ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުންގެންދަވާތާ 500 ދުވަސް ފުރުނު ދުވަހެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ހަރަކާތް ކޮމެޓީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވަނީ، މި ހަރަކާތަށް ފުލުހުން އެއްބާރުލުން ދީފިނަމަ، އެއްވެސް ހަމަނުޖެހުމެއް ނުހިންގާނެކަން ފާހަގަކުރައްވައިފައެވެ.

"ފުލުހުން ސެކިއުރިޓީ ދީފިނަމަ، އަޅުގަނޑުމެން ސުލްޙަވެރިކަމާއިއެކުގައި އިހުތިޖާޖު ކުރިއަށް ގެންގޮސް ނިންމާލާނަން" މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރަމުންދަނީ ސިޔާސީ އަނިޔާއެއް ކަމަށާއި، އެކަމާ ދެކޮޅަށް ރައްޔިތުން ތެދުވަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިޖުތިމާއީ ފޭރާން ކޮޅަށް ޖެހީ އެމަނިކުފާނު. މިކަމަށްޓަކައިވެސް އެބަޖެހޭ ރައީސް ޔާމީން މިނިވަން ކުރަން. ލޯކަލް ކައުންސިލް އިންތިޚާބުންވެސް އެނގުނީ ރައީސް ޔާމީނަށް ނުޙައްޤުން ކުރަމުންދާ އަނިޔާއާއި ދިވެހި ރައްޔިތުން ދެކޮޅުކަން" މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް