އިންޑިއާގެ ވެރިރަށް ދިއްލީގައި ލޮކްޑައުނެއް އިޢުލާންކޮށްފި

19 Apr 2021 | 17:00

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މިއަދުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހާއި ހަމައަށް ލޮކްޑައުނެއް އިޢުލާންކޮށްފިއެވެ.

ދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދު ކެޖްރިވާލް ހާމަކުރެއްވިގޮތުގައި މި ލޮކްޑައުން ދެމިގެންދާނީ މިރޭ ދިހައަކުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ފަތިހު ފަހެއް ޖެހުމާއި ހަމައަށެވެ. އަރްވިންދު ވިދާޅުވި ގޮތުގައި މި ލޮކްޑައުން ހިންގުމަށް ދިއްލީގެ ސަރުކާރަށް މަޖުބޫރުވެގެންދިޔައީ، އެ ޝަހަރުގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވުމުގެ ސަބަބުންނެވެ. އެގޮތުން މިހާރު ލޮކްޑައުނެއް ނުހިންގައިފިނަމަ، ފަހުން ދިމާވާނެ ކާރިސާ މާ ގޯސްވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އަރްވިންދު އިތުރަށް ވިދާޅުވީ މި ލޮކްޑައުނަކީ އެ ޝަހަރުގެ ޞިއްޙީ ނިޒާމު ހަލާކުވެގެންދިޔަ ނުދިނުމަށްޓަކައި ކޮންމެހެންވެސް އަޅަންޖެހުނު ފިޔަވަޅެވެ. އެބޭފުޅާ ވިދާޅުވީ ޞިއްޙީ ނިޒާމު ހަލާކުވެފައިވާކަމަށް ދަންނަވަން ބޭނުންފުޅު ނުވާކަމަށާއި، ނަމަވެސް އެ ނިޒާމުގެ ފުލް ކެޕޭސިޓީއަށް މިހާރު އަތުވެއްޖެކަމަށެވެ. އެބޭފުޅާ ވަނީ މި ލޮކްޑައުންގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް އަޅާލާނެކަމަށްވެސް ވިދާޅުވެފައެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވެގެންދިޔަ 24 ގަޑިއިރުގެ ތެރޭގައި ދިއްލީން ވަނީ 25،462 އާ ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކޮށްފައެވެ. އަދި 161 މީހަކު ވަނީ މި ބަލީގައި ނިޔާވެސްވެފައެވެ.

އަރްވިންދު އިތުރަށް ހާމަކުރެއްވި ގޮތުގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެ ޝަހަރުގެ ޞިއްޙީ ނިޒާމަށް ވަނީ ވަރަށް ބޮޑު ބުރައަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެ ޝަހަރުގައި ކޮވިޑަށް ޚާއްޞަކޮށްގެން ބާކީހުރީ އެންމެ 100 އެނދުކަމަށާއި، ބައެއް މުހިންމު ބޭސްތައްވެސް މަދުވެފައިވާކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. މިއާއިއެކު، މި ބަލީގައި ހާލަތު ސީރިއަސްވާ ފަރާތްތަކަށް ފަރުވާދޭން ބޭނުންވާނެ އޮކްސިޖަންވެސް ވަރަށް ބޮޑަށް މަދުވެފައިވާކަމަށް އަރްވިންދު ވަނީ ފާހަގަކުރައްވާފައެވެ.

ދިއްލީގެ އިތުރުންވެސް އިންޑިއާގެ ބޮޑެތި އެހެނިހެން ޝަހަރުތަކުގައިވެސް ދަނީ ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވަމުންނެވެ.

މަސްދަރު: އަލްޖަޒީރާ/ އެންޑީޓީވީ

Advertisement

ކޮމެންޓް