ސަޢުދީ ޢަރަބިޔާއާއި އެކު މަޝްވަރާކުރަން ތައްޔާރު: އީރާނު

19 Apr 2021 | 16:57

ސަޢުދީ ޢަރަބިޔާއާއި އެކު މެދުއިރުމަތީގެ ސުލްޙައާއި ބެހޭގޮތުން ވާހަކަދައްކަން ތައްޔާރަށް އޮތްކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސަޢީދު ޚަތީބްޒާދޭ ވިދާޅުވީ އެޤައުމުން އަބަދުވެސް ސަޢުދީ ޢަރަބިޔާއާއި އެކު މަޝްވަރާތައް ބޭއްވުމަށް މަރުޙަބާ ކިޔާކަމަށާއި، އެ މަޝްވަރާތަކަކީ ދެގައުމުގެ ރައްޔިތުންނާއި މެދުއިރުމަތީގެ ސަލާމަތާއި ސުލްޙަ މަސަލަސްކަމަށް ފައިދާހުރިކަމެއް ކަމުގައި ދެކޭކަމަށެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމަހުގެ 9ވަނަ ދުވަހު އީރާނު އަދި ސަޢުދީ ޢަރަބިޔާއިން ވަނީ އިރާޤުގައި ސިއްރު މަޝްވަރާ ބައްދަލުވުމެއް ކުރިއަށްގެންގޮސްފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ޔަމަނުގައި ހިނގަމުންދާ ހަނގުރާމައާއި ލުބްނާނުގެ މަސްރަޙާއި މެދު ދެޤައުމުން ވާހަކަދެއްކިކަމަށް ވަނީ ބުނެފައެވެ. މި ދެޤައުމުންވެސް މިހާތަނަށް މި ބައްދަލުވުންތައް ބޭއްވުނުކަން ރަސްމީ ސިފައެއްގައި ދޮގުކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން އީރާނާ ސަޢުދީ ޢަރަބިޔާއާއި ދެމެދު މާބޮޑު ރަސްމީ ގުޅުންތައް ބާއްވާފައެއް ނުވެއެވެ. އެއީ ސަޢުދީއިން މަޝްހޫރު ޝީޢީ ޢިލްމުވެރިއަކު މެރުމުން، އެކަމާއި ދެކޮޅަށް އީރާނުގެ ވެރިރަށް ތެހެރާންގައި ބޭއްވި އެއްވުމެއްގެ ތެރެއިން، ތެހެރާންގައި ހުރި ސަޢުދީ އެމްބަސީއަށް މީހުން ވަނުމުންނެވެ. މިކަމުގެ ފަހަތުގައި ވަނީ އީރާނުގެ ސަރުކާރުކަމަށް ސަޢުދީ ޢަރަބިޔާއިން ވަނީ ތުހުމަތުކޮށްފައެވެ.

އެއަށްފަހު މިދެޤައުމުން ދަނީ ޔަމަނުގައި "ޕްެރޮކްސީ" ހަނގުރާމައެއް ކުރަމުންނެވެ. އެގޮތުން ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހޫތީ ހަނގުރާމަވެރިންނަކީ އީރާނުގެ މަދަދާއި އެކު ހަރަކާތްތެރިވާ ބައެއްކަމަށް ބައިނަލްއަގްވާމީ ގިނަ ފަރާތްތަކުން ވަނީ ވަނީ ބުނެފައެވެ. މި ހޫތީ ހަނގުރާމަވެރިން ބަލިކުރުމަށްޓަކައި އުފައްދާފައިވާ އިސްލާމީ ދެޤައުމުތަކުގެ ކޯލިޝަންގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަނީ ސަޢުދީ ޢަރަބިޔާއެވެ. މި ހަނގުރާމައިގެ ސަަބަބުން ޔަމަނުގެ އެތައް މިލިޔަން ބަޔަކު ހާލުގައި ޖެހި، ބޮޑު އިންސާނީ ކާރިސާއެއް އެދެޤައުމުގައި ވަނީ އުފެދިފައެވެ.

މަސްދަރު: އަލްޖަޒީރާ

Advertisement

ކޮމެންޓް

Advertisement