Advertisement

މުސްތަފާގެ ތާއީދު ރައީސް ނަޝީދުގެ ހިޔާލަށް، ވިދާޅުވަނީ އެންމެ ފައިދާ ބޮޑީ ބަރުލަމާނީ ނިޒާމު ކަމަށް

21 Apr 2021 | 14:24

ބަރުލަމާނީ ނިޒާމަކީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމު ކަމަށާއި، އެނޫން ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޞްޠަފާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ސަންގު ޓީވީއިން ގެނެސްދިން "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ބަރުލަމާނީ ނިޒާމާއި، ރިޔާސީ ނިޒާމުގެ ތެރެއިން، ރާއްޖެއަށް އެންމެ އެކަށީގެންވަނީ ކޮން ނިޒާމެއް ކަމާއިމެދު ކުރެވޭ ބަހުސް ހޫނުވެފައި ވަނީ، ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށާއި، އެ ނިޒާމުގެ ދަށުން، ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވުމުގެ ޝައުގުވެރިކަން، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފާޅު ކުރެއްވުމާއި ގުޅިގެންނެވެ.

މުޞްޠަފާ ވިދާޅުވީ، އޭނާގެ ނަޒަރުގައި ބަރުލަމާނީ ނިޒާމު ރަނގަޅުވަނީ، ރައީސް ނަޝީދު އެނިޒާމަށް ތާއީދު ކުރައްވާތީ ނޫން ކަަމަށެވެ. ރިޔާސީ ނިޒާމު އޮންނަ ޤައުމުތަކުގައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނުހިނގާ ކަމަށް މުޞްޠަފާ ވިދާޅުވިއެވެ. އެގޮތުން، އިރާޤާއި، ސީރިޔާ އަދި ލީބިޔާ ފަދަ ޤައުމުތައްވެސް ހަލާކުވެގެން ދިޔަކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"ރިޔާސީ ނިޒާމަކީ ކުޑަވަރެއްގެ ރަސްކަމެއް އިނގޭތޯ؟ މިރާއްޖޭގައި މިހާރު ބާއްވަން ކަމުދާ އެއްޗެއް ނޫން" މުޞްޠަފާ ވިދާޅުވިއެވެ.

މުޞްޠަފާ އިތުރަށް ވިދާޅުވީ، އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވެސް ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށެވެ. 

Advertisement

ކޮމެންޓް