އިނގިރޭސިވިލާތާ ރާއްޖެއާއި ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމަށް މަސައްކަތްކުރަނީ

20 Apr 2021 | 21:39

ދިވެހިރާއްޖެއާ އިނގިރޭސިވިލާތާއި ދެމެދުގައި އޮންނަ ވިޔަފާރިއާއި އިންވެސްޓްމެންޓްތަކުގެ ގުޅުންތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަަމަށް އިނގިރޭސިވިލާތުގެ ޕާލިމެންޓްރީ އަންޑަރ ސެކްރެޓަރީ ފޮރ އިންޓަރނޭޝަނަލް ޓްރޭޑް ރަނިލް ޖަޔަވަރްދަނަ ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއެކު ވިޔަފާރިއާއި އިންވެސްޓްމެންޓްތައް އިތުރުކުރުމަށް އިނގިރޭސި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރޮމްފޯޑް ދާއިރާގެ މެންބަރު އެންޑްރޫ ރޮސިންޑެލް ލިޔުމުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އަންޑަރ ސެކްރެޓަރީ ރަނިލް ވިދާޅުވީ ދިވެހިރާއްޖެއަކީ އިނގިރޭސިވިލާތުގެ މުހިންމު ބައިވެރިއެއްކަމަށާއި، ރާއްޖެއާއި އެކު ވިޔަފާރިއާއި އިންވެސްޓްމެންޓްތައް އިތުރުކުރެވޭނެ ހެޔޮގޮތްތަކެއް ހޯދުމަށް އެޤައުމުގެ ޑިޕާރޓްމެންޓް އޮފް އިންޓަރނޭޝަނަލް ޓްރޭޑްގެ މުވައްޒަފުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ދެޤައުމުގެވެސް ޝައުގުވެރިކަން ހުރި ބައެއް ދާއިރާތަކުން ދޭދޭ ވިޔަފާރި ފުޅާކުރުމުގެ ފުރުޞަތުތައް ބަލަމުންދާކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ބުއިންތައް، ޑިފެންސް، ތަޢުލީމު، ޞިއްޙަތާއި ދުޅަހެޔޮކަން، ތިމާވެށީގެ ޢިލްމު އަދި ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭކަމަށް ރަނިލް ފާހަގަކުރެއްވިއެވެ.

ރަނިލް އިތުރަށް ވިދާޅުވީ މާލީ ޚިދުމަތްތަކާއި ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގައިވެސް އިނގިރޭސިވިލާތާއި ރާއްޖެއާއި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދުމަށް އެޤައުމުގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މިކަމުގެ ތެރެއިން، ސާފު އަދި ދެމެހެއްޓެނިވި ހަކަތަ އުފެއްދުމަށްޓަަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާނެ ގްރީން ފައިނޭންސިންގ ހޯދައިދިނުންވެސް ހިމެނެއެވެ.

އިނގިރޭސިވިލާތަކީ ޔޫރަޕްގެ މާކެޓްގެ ތެރެއިން، ދިވެހިރާއްޖެއާއި އެންމެ ގާތް ވިޔަފާރީގެ ގުޅުންތައް ބާއްވަމުންދާ އެއް ޤައުމެވެ. ރާއްޖެއާއި އިނގިރޭސިވިލާތުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

ކޮމެންޓް