Advertisement

ވަޒީރުން ބައެއް މެންބަރުންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމުގެ ތުހުމަތު

21 Apr 2021 | 13:09

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ މުއްދަތު ހަމަވާތީ، އެއް އަހަރަށް މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުން ގޮތް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީސް މެންބަރުންނަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މުއްދަތު އިތުރުކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމަށް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން ކޮމިޓީއަށް ގެންދަން ނުފެންނަ ކަމަށް 48 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޢަލީ އާޒިމް ރޭގެ ވަގުތެއްގައި ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މައްސަލައަށް ގޮތެއް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީހުގެ އެމްޑީޕީގެ ލީޑަރޝިޕާއި މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން ކަމަށެވެ.

"މިގޮތަށް ކަންކަން ނުކުރުމަށް އެފަދަ ވަޒީރުންނަށް ދަންނަވަން" ޢަލީ އާޒިމްގެ ޓްވީޓުގައި ވިދާޅުވިއެވެ.

އޭނާގެ ޓްވީޓުގައި، މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވީ ކޮންކޮން ވަޒީރުންނެއް ކަމެއް ވިދާޅެއް ނުވެއެވެ. 

Advertisement

ކޮމެންޓް