Advertisement

ރައީސް ޞާލިޙު، ނަޝީދަށް ދެއްވި ޖަވާބު ސާފު، ތިމަންނާ ކައިރިއަށް ނޮހޮރޮއްޕާން ކުރަން ނާންނާށޭ: މޫސަ

22 Apr 2021 | 00:25

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދެއްވީ ކުރު، ފޮނި ޖަވާބެއް ކަމަށާއި، ސަރުކާރަކީ އެދެބޭފުޅުންގެ މެދުގައި ބަހާން އޮތް ކޭކެއް ނޫން ކަމަށް، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު(ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައިވަނީ ރޭ ސަންގު ޓީވީއިން ގެނެސްދިން "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ބޭނުންވެލައްވާ ކަމަށާއި، އެ ނިޒާމުގެ ތެރެއިން ބޮޑުވަޒީރުކަން ކުރައްވަންވެސް ބޭނުންވެލައްވާ ކަމަށް އެމްޑީޕީގެ ރައީސް، ނަޝީދު ވަނީ ރައީސް ޞާލިޙުއަށް ދަންނަވައިފައެވެ.

ރައީސް ނަޝީދަށް ދެއްވި ޖަވާބުގައި، ރައީސް ޞާލިޙު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓެއް ނަގައިގެން ކަމަށެވެ.

މީގެ ކުރިން، 2007 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ނިޒާމީ ވޯޓެއް ނަގައި، ބޮޑު އަޣުލަބިއްޔަތަކުން ރިޔާސީ ނިޒާމު ހޮވިފައިވާކަންވެސް ރައީސްގެ ޖަވާބުގައި ފާހަގަކުރެއްވިއެވެ.

ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި، ރައީސް ޞާލިޙުއާއި ރައީސް ނަޝީދާއި ދެމެދު ޚިޔާލުތަފާތުވުންތައް އުފެދިފައިވާއިރު، މިކަމާއި ގުޅޭގޮތުން މޫސަ ވިދާޅުވީ، ރައީސް ޞާލިޙު ދެއްވި ޖަވާބު ވަރަށްވެސް ކުރު، އަދި އެހާމެ ފޮނި ކަމަށާއި، އެމަނިކުފާނު އެ ވިދާޅުވީ މި މައްސަލައިގައި އެމަނިކުފާނުގެ އަރިހަށް "ނޮހޮރޮއްޕާން" ކުރަން ނައުމަށް ކަމަށެވެ.

"ރައީސް ޞާލިޙު އެދެއްވާ ޖަވާބު، ވަރަށް ފުންކޮށް، ވަރަށް ރީއްޗަށް އަޅުގަނޑަށް އެނގޭ. ތިމަންނާ ކައިރިއަށް ނޮހޮރޮއްޕާން ކުރަން ނާދެބަލާށޭ، ތިމަންނަ މިތަނަށް ރައްޔިތުން ލާފައި މިހުރީ، ޤާނޫނު އަސާސީގައި ބުނާގޮތަށް ރައްޔިތުންނަށް ވެރިކަން ކޮށްދޭށޭ. މިއީ އަހަރުމެން ދެމީހުން (ރައީސް ޞާލިޙާއި، ރައީސް ނަޝީދު) ކޭކެއް ބަހާހެން ބަހައިގެން، ކާކުތޯ ބޮޑުވަޒީރަކީ ނިންމަންވީ ކަމެއް ނޫނޭ" މޫސަ ވިދާޅުވިއެވެ.

މޫސަގެ ވާހަކައިގައި ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރި ނަމަވެސް، އެކަމެއް ނުވާނެ ކަމަށާއި އެ ފުރުޞަތުވެސް ނެތް ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގައި 13 ވަރަކަށް މެންބަރުން ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަމުން އަންނައިރު، އެ އަދަދު އިތުރު ކުރަން އުޅޭ މީހުންނަށް އެކަމެއް ނުވި ކަމަށްވެސް މޫސަ ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް