Advertisement

ޔާމީން ޤާސިމަށް ކުރެއްވި ތައުރީފުން މެންބަރު ރިޔާޒް ސުވާލު އުފެދިއްޖެ

19 Dec 2018 | 11:04

ޖުމްހޫރީ ޕާޓީގެ ލީޑަރު ރައީސް ގާސިމް އިބްރާހީމަކީ އެމްޑީޕީގެ ހަރުކަށި ފިކުރު ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ އިއްޔެ ރައީސް ޔާމީން ޤާސިމަށް ކުރެއްވި ތަރުރީފަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ސުވާލު އުފައްދަވައިފިއެވެ.

ޕީޕީއެމް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވެފައިވަނީ ސަރުކާރުގެ ކަންކަން މާބޮޑަށް ގޯސްވެ ރައްޔިތުންގެ ހައްގުތައް ގެއްލި ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ގޮސްފިނަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯލިޝަންގައި ހުންނަވަައިފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިކަމުގެ ރައްދުގައި ރިޔާޒް ކުރެއްވި ޓުވީޓުގައި އޭނާ މިކަމަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވެރިކަން ގެއްލި ކޮށްފައިވާ ވަށްކަމާއި ކޮރަޕްޝަންގެ ތުހުމަތުތައް ބޯމަތިވެ، ޕާޓީ ގެއްލި، ކައިރީގައި ތިބި މީހުންވެސް ދުރަށްގޮސް އެކަނިވާ ހިސާބަށް ދިއުމުން މިހާރު ތިޔަހެން ވިދާޅުވުމުން ހަމަ ތިޔަ ވާހަކަވެސް ގަބޫލުކުރަންވީތޯ ރިޔާޒް ސުވާލު ކުރެއްވިއެވެ.

ޤާސިމްއަކީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކޯލިޝަންގެ ތެރެއިން މަސައްކަތް ކޮށްދީފައިވާ ބޭފުޅެކެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޤާސިމް ވަނީ ދެފަހަރެއްގެ މަތިން ކޯލިޝަން ދޫކުރައްވާފައެވެ.

ސިޔާސީ މަޝްރަހަށް ބަލާއިރު ޤާސިމް އިބްރާހިމް އަދި ރައީސް ޔާމީންއަކީ އެކުގައި މަސައްކަތް ކުރެވިދާނެ ދެފަރާތްކަން ފާހަގަކުރައްވައި، ޤާސިމް ވަޑައިގެންފި ނަމަ މަރުހަބާ ދަންނަވާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ކޯލިޝަންގެ ބައެއް ބޭފުޅުން އަންނަނީ ޤާސިމް އިބްރާހިމް އަދި ރައީސް ޔާމީން ދެމެދު ސިއްރު ގުޅުމެއް ބާއްވަމުން އަންނަކަމަށް ތުހުމަތު ކުރައްވަމުންނެވެ. އެގޮތުން އެކަމުގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުން ކޮމިޝަންތަކަށް ބާރު ދިނުމަށް އަހަން އޮތް ވޯޓް ވަނީ މަޖިލީހުގައި ތިއްބެވި ޖޭޕީގެ ގިނަ މެންބަރުން ހާޒިރުވުމުގެ ސަބަބުން ވޯޓަށް ނޭހުންކަމުގައި އެފަރާތްތަކުން ހާމަކުރައްވައެވެ.

Advertisement

ކޮމެންޓް

Advertisement