ސަލްމާގެ މަރުގެ މައްސަލައިގައި އޭޑީކޭ ގޮވައިގެން ކޯޓަށް!

21 Apr 2021 | 13:12

މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު އޭޑީކޭގައި ވިހެއުމަށް ފަހު ނިޔާވި ސަލްމާ ނަސީރުގެ މަރުގެ މައްސަލައިގައި އޭޑީކޭ ހޮސްޕިޓަލް ކޯޓަށް ގެންދިޔުމަށް އޭނާގެ ފިރިމީހާގެ ފަރާތުން ނިންމައިފިއެވެ.

ސަލްމާ ނިޔާވި މައްސަލަ ތަޙުޤީޤުކޮށް، އޭނާގެ ފިރިމީހާއަށް ހެލްތު މިނިސްޓްރީން ފޮނުވި ތަޙުޤީޤު ރިޕޯޓެއްގައި ބުނެފައި ވަނީ ވިހެއުމަށްފަހު ސަލްމާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވި ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން ލޭ އަޅައިފައި ވަނީ އޭނާ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ.

ނަމަވެސް އޭޑީކޭ އިން އިއްޔެ ވަނީ ސަލްމާ ގަޔަށް ލޭ އެޅުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި އަދި ސަލްމާ އަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވި މެޑިކަލް ޓީމުން ހުރިހާ ވަގުތެއްގައި ވެސް ދޭން ޖެހުނު ފަރުވާތައް ފަރުވާތެރިކަމާއެކު ދީފައިވާނެ ކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ބައެއް މީޑިއާތަކަށް ވިދާޅުވީ ސަލްމާ ނިޔާވުމުގައި އޭޑީކޭގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި މިއީ އިހުމާލުގެ މައްސަލައެއް ކަމަށްވާތީ އެ މައްސަލަ ފުލުހުންނާއި މެޑިކަލް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މި މައްސަލަ ކުރިއަށް ގެންދަނީ އެޑްވޮކަސީ ޗެމްބާސް ލޯފާމުންނެވެ.

Advertisement

ކޮމެންޓް