ވަކި މީހަކު މަޤާމެއް ބޭނުންވުމަކީ ނިޒާމު ބަދަލު ކުރަންޖެހޭ ސަބަބެއް ނޫން: އިބްރާ

24 Apr 2021 | 09:59

ވަކި މީހަކު ވަކި މަޤާމެއް ބޭނުންވުމަކީ، ދައުލަތް ހިންގުމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް(އިބްރާ) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ބޭނުންފުޅުވެލައްވާ ކަމަށާއި، އެ ނިޒާމުގެ ދަށުން ކުރާ ވެރިކަމެއްގައި، ރާއްޖޭގެ ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށާއި، ކެބިނެޓްގެ ބައެއް ވަޒީރުންނަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު މިހެން ވިދާޅުވުމުން އެމަނިކުފާނަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އިބްރާ ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައިފައެވެ.

އިބްރާ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ހާލަަތަށް އެންމެ އެކަށީގެންވަނީ ރިޔާސީ ނިޒާމެކެވެ. މީގެ ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާއި ގުޅޭގޮތުން އެކި މަޝްވަރާތައް ކުރެވުނުއިރު، 22 ޤައުމެއްގެ ޤާނޫނު އަސާސީ ދިރާސާކުރެވިފައިވާކަން ފާހަގަކުރައްވައި އިބްރާ ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ ލިޔެވިގެން ހިންގޭ ނިޒާމެއް ނޫންކަން ދެނެގަނެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވަކި މީހަކު، ވަކި މަޤާމެއް ބޭނުންވުމަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަންޖެހޭ ސަބަބެއް ނޫނެވެ.

"ދައުލަތް ހިންގުމުގެ ނިޒާމަށް ބަދަލެއް އަޅުގަނޑުމެން ގެންނަންޏާ ގެންނާނީ، ޤައުމުގެ ކަންކަން ރަނގަޅަށް ހިންގަން. ނުވަތަ މިހާރު އޮތް ނިޒާމުން، ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލު ނުކުރެވޭނެ ހާލަތަކަށް ދިޔައީމަ، އެވީ ބަދަލަކަށް ވިސްނަން" އިބްރާ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް އެކަށީގެންނުވާ ސަބަބުތައް އިތުރަށް ވިދާޅުވެދެއްވަމުން، އިބްރާ ފާހަގަކުރެއްވި ގޮތުގައި، ދިވެހީންގެ މައްޗަށް ހުންނަވާ ވެރިޔަކީ، ދިވެހި ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަކަށް އިންތިޚާބުވާ މީހަކަށް ވުމަކީ ދިވެހީން އެދޭ ގޮތެއް ނޫނެވެ. 

Advertisement

ކޮމެންޓް