ރައީސް ނަޝީދުގެ ބޮޑުވަޒީރު ހުވަފެން: ދިވެހީން ގަޔާވާ ކަމެއް ނޫން!

23 Apr 2021 | 01:31

ޤައުމު މިއަދު އޮތް ހާލަތަކީ ނާޒުކު ހާލަތެއް ކަމާއިމެދަކު ޝައްކެއް ނެތެވެ. މުޅި ދުނިޔެއަށް ބިންދާލި ކޮވިޑް-19ގެ ބިޔަ ރާޅުގައި ޖެހި، އަޅުގަނޑުމެންގެ ރާއްޖެއަށްވެސް ގިނަ ގުނަ ގެއްލުންތަކެއް ލިބިއްޖެއެވެ.

ވިޔަފާރިތައް ބަނގުރޫޓުވެ، އެތައް ބައެއްގެ ވަޒީފާތައް ގެއްލި، ޤައުމުގެ މުސްތަޤުބަލު ކަމުގައިވާ އަޅުގަނޑުމެންގެ ޅަ ދަރީންގެ ތަޢުލީމީ ހަޔާތަށް ބުރޫ އަރައިފިއެވެ. އިޤުތިޞާދު ހީނަރުވެ، ދެވަނަ ފަހަރަށް ފައިސާ ޕްރިންޓް ނުކޮށްފިނަމަ، ޤައުމު ބަނޑަށް ޖެހިދާނެ ކަމަށް ސަރުކާރުގެ އިސްވެރީން އެގެންދަވަނީ ވިދާޅުވަމުންނެވެ.

ޤައުމު، ހާލުގެ ދުލުން އެދިގޮވަނީ ވެއްޓިފައި މިއޮތް އަނދަވަޅުން ސަލާމަތްކޮށްދިނުމަށެވެ. ސިޔާސީ ޚިޔާލުތަފާތުވުންތައް ނައްތާލައި، ޤައުމަށް ކުރިމަތިވެފައިމިވާ މުސީބާތުން އަރައިގަނެވޭނެ މަގެއް ކޮށުމަށެވެ. ފަހަރެއްގައިވެސް ވަކި މީހެއްގެ އެދުންތައް ހާސިލުކުރުމަށް ޤައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލާކަށް ނޫނެވެ.

އެހެންނަމަވެސް ފެނިގެންދާ މަންޒަރަކީ ވަކި ބޭފުޅަކު ސިޔާސީ ގޮތުން ހުންނެވުނު ހިސާބާއިމެދު ހިތްޕުޅާ ނުވެ، ދައުލަތް ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށް ނުކުންނެވި މަންޒަރެވެ. ތިމަން މަނިކުފާނުގެ އަމިއްލަފުޅު ޕާޓީގެ ފަރާތުން ވެރިކަމުގައި ހުންނެވި ބޭފުޅާއަށް އެސްއެމްއެސްއެއް ކޮށްލައްވައިގެން، ހުވަފެންފުޅުން ދެކެވަޑައިގަންނަވަމުން އައި ބާރުވެރިކަން ލިބިވަޑައިގެންފާނެ ކަމަށް ހީފުޅު ކުރެވުނީއެވެ.

"ބަރުލަމާނީ ނިޒާމަކާއި ގުޅޭގޮތުން އަޅުގަނޑު ވާހަކަ ދައްކާލަން ބޭނުން. އެއްފަރާތް ވެގެން ހުންނާކަށް ބޭނުމެއް ނޫން. މި ޤައުމު ހިންގުމުގައި ބައިވެރިވާން ބޭނުން. ބޮޑުވަޒީރަކަށް ވާން ބޭނުން" މިއީ ވެރިކަން ކުރާ މައި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ފޮނުއްވެވި މެސެޖުގެ އެއް ބައެވެ. ވަރަށް ސާފު ބަހުން އެމަނިކުފާނު އެ ވިދާޅުވީ، އެމަނިކުފާނު ބޮޑުވަޒީރުގެ މަޤާމު ބޭނުންފުޅުވާތީ، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ވެރިކަން ހިންގާނީ ރިޔާސީ ނިޒާމެއްގެ ތެރެއިން ކަމަށް ދިވެހި ރައްޔިތުން މީގެ 14 އަހަރު ކުރީން، 2007 ވަނަ އަަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ނިންމާފައިވާ ކަމާއި، އެ ނިންމުން ބަދަލު ކުރެވޭނީވެސް ދިވެހި ރައްޔިތުންގެ ރުހުމާއިއެކީގައި ކަމެއް އެމަނިކުފާނު ހަނދުމަފުޅެއް ނެތެވެ.

ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމުގެ ބަހުސްގައި، ސިޔާސީ އެކި ބޭފުޅުންގެ ޚިޔާލު ތަފާތެވެ. ގިނަ ބޭފުޅުން ބުރަވަނީ ރިޔާސީ ނިޒާމަށެވެ. އެއީ ރައްޔިތުން އަމިއްލައަށް، ރައްޔިތުންގެ ވެރިމީހާ އިންތިޚާބު ކުރުމުގެ ޙައްޤު ލިބިދޭ ނިޒާމަކަށް ވާތީއެވެ. ބަރުލަމާނީ ނިޒާމެއްގައި، ބޮޑުވަޒީރަކަށް ހުދުމުޚުތާރު ވުމުގެ ފުރުޞަތު ލިބުމާއި، މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން، ދެއިރު ދެދަޅަޔަށް ސަރުކާރު ބަދަލު ކުރެވުމަކީ، އެ ނިޒާމަށް ފާޑުވިދާޅުވާ ބޭފުޅުން ފާހަގަ ކުރައްވާ ކަންކަމެވެ.

ނިޒާމުގެ ވާހަކަ އިހަށް ބާއްވާމާތޯއެެވެ؟ އެންމެ މުހިންމު ސުވާލަށް ދަމާތޯއެވެ؟ ރާއްޖޭގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވުނަސް، ދިވެހި ރައްޔިތުން ރައީސް ނަޝީދަށް ބޮޑުވަޒީރުކަން ދޭން ބޭނުންވެދާނެތޯއެވެ؟ މިއީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އުފައްދާފައިވާ ސުވާލެކެވެ.

ވަގުތު ނޫހުން މި ސުވާލު، ފޭސްބުކްގައި ކިޔުންތެރިންނަށް ދޫކޮށްލުމުން 10،000 އަށްވުރެ ގިނަ މީހުން ވަނީ ރައީސް ނަޝީދަށް ބޮޑުވަޒީރުކަން ދޭން ނުފެންނަ ކަމަށް ބުނެފައެވެ. އެ މަޤާމު އެމަނިކުފާނަށް ދޭން ފެންނަ ކަމަށް ބުނީ 1،000 މީހުންނެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވިސްނުމަށް ބަލާލަމާތޯއެވެ؟ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގައި، ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރަނީ ކިތައް މެންބަރުންތޯ ސުވާލު ކުރުމުން، މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 65 މެންބަރުންގެ ތެރެއިން، އެ ނިޒާމަށް ތާއީދު ކުރީ 23 މެންބަރުންނެވެ.

އެހެންކަމުން ބާރުގެ ބޭނުންކުރައްވައިގެން، ބޮޑުވަޒީރުގެ މަޤާމު ހޯއްދެވުމަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވިޔަސް، އެކަމަށް ރައްޔިތުން ރުހޭ ކަމަކަށް ނުބެލެވެއެވެ.

Advertisement

ކޮމެންޓް