Advertisement

ޕީޕީއެމްއިން ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅޭ ކަމަށް ނިހާދު ތުހުމަތު ކުރައްވައިފި

22 Apr 2021 | 13:02

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދާ އެއްވުންތަަކަކީ، ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަށް ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ސިފަކުރައްވައިފިއެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ވަނީ ރޭ މާލޭގައި، ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި މުޒާހަރާކޮށްފައެވެ. ނަމަވެސް ފުލުހުން ހުރަސް އެޅުމުން މުޒާހަރާ ކުރިއަކަށް ނުގެންދެވުނެވެ. އެއްވުން ނިންމާލީ މާދަމާ ރޭގެ ނިޔަލަށް، ރައީސް ޔާމީން ގެއަށް ބަދަލު ނުކޮށްފިނަމަ، އަނެއްކާވެސް އިހުތިޖާޖު ކުރުމަށް ނުކުންނާނެކަން އިޢުލާނު ކުރުމަށްފަހުގައެވެ.

ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންނާއި ކުރިމަތިލާނެ ކަމަށް ފާޅުގައި ބުނުމަށްފަހު، ޕީޕީއެމްއިން ހިންގަން އުޅެނީ ޓެރަރިޒަމްގެ ޢަމަލެއް ކަމަށެވެ.

"ފުލުހުންގެ ބަންދަކު ނޫން ރައީސް ޔާމީން ހުރީ. އޭނާ ހުރީ ޖަލު ޙުކުމެއް ތަންފީޒު ކުރަން ޖަލުގައި. ފުލުހުންނަށް އަނިޔާކޮށްގެން ޤައިދީއަކު މިނިވަން ނުކުރެވޭނެ" ނިހާދު ވިދާޅުވިއެވެ.

ޕީޕީއެމްއިން ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅޭ ކަމަށް ނިހާދު ތުހުމަތު ކުރެއްވިއިރު، ރޭގެ މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައެއް ނުވެއެވެ. މުޒާހަރާގެ ބައިވެރީން ވަނީ ރައީސް ޔާމީން ޖަލުގައި ދެވަނަ ރޯދަމަހެއް ހޭދަކުރައްވަން ޖެހިވަޑައިގެންފައިވާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement