Advertisement

ރޯދަމަހު ގިނައިން ފެން ބުއިމުގެ މުހިންމުކަން

22 Apr 2021 | 16:26

ރޯދަމަހުގައި އަޅުގަނޑުމެންގެ ކެއުމުގެ ގަޑިތަކަށް ބޮޑު ބަދަލެއް އާދެއެވެ.

ދުވާލުގެ ވަގުތުތަކުގައި ކެއިންބުއިމާއި ދުރުގައި ހުންނައިރު، ރޯދަ ވީއްލާ ގަޑީގައި ގިނައިން ކެވޭގޮތް ވަނީ، މިމައްސަރުގައި ކެއިންބުއިމަށް އަންނަ ބަަދަލުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާވަރަށް ފެން ނުބޮވުމަކީ ގިނަ މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ.

ރޯދައަށް ހުންނައިރު، ވަރަށް ގިނައިން ކަރު ހިއްކާ ހެއްޔެވެ؟ މިހެން ދިމާވަނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭތީއެވެ. ނުވަތަ "ޑީހައިޑްރޭޓް" ވާތީއެވެ. މިކަން ޙައްލު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން، މި ލިޔުމުގައި ކިޔުންތެރީންނާއި ހިއްސާކޮށްލާނަމެވެ.

ރޯދައަށް ހުރި ނަމަވެސް، ކުރިއެކޭ އެއްގޮތަށް ފެން ބޯން ހަނދާން ބަހައްޓާށެވެ. މަދުވެގެން ދުވާލަކު 8 ތަށި ފެން ބޯންވާނެއެވެ. ހަށިގަނޑުގެ 60އާއި 70އާއި ދެމެދުގެ އިންސައްތައެއް ހިއްސާ ކުރަނީ ފެނެވެ. އެހެންވެ، ފެން މަދުވެއްޖެނަަމަ، ހަށިގަނޑުގެ ސެލްތަކަށް އެކަމުގެ އަސަރު ކުރެއެވެ. "ޑީހައިޑްރޭޓް" ވުމަކީ ބޮލުގައި ރިއްސުމާއި، ބޯއެނބުރުމާއި، ވަރުބަލިބުމުގެ އިތުރުން ގައިގެ ހަންގަނޑު "ޑްރައި"ވާ ކަމެކެވެ.

ރޯދަމަހު އެހެން ތަފާތު ބުއިންތަކުގެ ބަދަލުގައި، ހަށިގަނޑަށް އެންމެ ފައިދާ ބޮޑު ގޮތަކީ ފެން ބުއިމެވެ. ގިނަފަހަރު ރޯދަ ވީއްލާ ގަޑީގައި ބޮވޭ އެހެން ތަފާތު ބުއިންތަކުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވިގެންވެއެވެ. މިއީ ހަށިގަނޑަށް އެތެރެވާ އިތުރު ކެލެރީއެވެ. ވަކީން ޚާއްޞަކޮށް އެކި ކަހަލަ ސޮފްޓް ޑްރިންކްސް ބުއިމަކީ ހަޖަމު ކުރުމުގެ މައްސަލަތައް ދިމާވެ، ގޭސްވުމަށްވެސް މަގުފަހި ކުރުވައިފާނެ ކަމެކެވެ.

ރޯދަމަހުގައި "ޑީހައިޑްރޭޓްވުން" ނުވަތަ ހަށިގަނޑުން ފެން މަދުވުމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަމަށް ބަލާއިރު:

*ކޮންމެ ދުވަހަކުވެސް މަދުވެގެން 8 ތަށި ފެން ބޯން ހަނދާން ކުރާށެވެ.

*ހާރުކާ ވަގުތުގައި އެހާ ކުޅިގަދަ އެއްޗެހި ނުކާށެވެ. މިއީ ތިބާ އިތުރަށް ކަރުހިއްކުވާނެ ކަމެކެވެ.

*ކާތަކެތި ތައްޔާރުކުރާއިރު، މާބޮޑަށް ލޮނުގަދަ ނުކުރާށެވެ. ލޮނު ގަދަ އެއްޗެހި ކެއުމަކީވެސް އިތުރަށް ކަރުހިއްކުވާނެ ކަމެކެެވެ.

*ގިނައިން ތާޒާ މޭވާއާއި ތަރުކާރީ ކާށެވެ. މިއީ ފައިބަރާއި ފެން އެކުލެވިގެންވާ ބާވަތްތައް ކަމުން، ޑީހައިޑްރޭޓް ވުމުން ސަލާމަތްވާން އެހީތެރިވެދެއެވެ.

*އެއްފަހަރާ މާ ގިނައިން ފެން ބުއިމުގެ ބަދަލުގައި މުޅި ދުވަހަށް ބަހާލައިގެން ފެން ބޯށެެެވެ.

Advertisement

ކޮމެންޓް