Advertisement

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ހިންގައި 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފި

22 Apr 2021 | 16:08

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ގައްދޫ އަދި ޅ. ހިންނަވަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހިންނަވަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން އެރަށަށް ދިޔަ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިންޓެލިޖެންސާއި ހިންނަވަރުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުމަތިން 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި އޭނާގެ އަތުގައި އޮތް ކޮތަޅެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެެވެ.

އޭގެ އިތުރުން، ގައްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން އެރަށަށް ދިޔަ ބޯޓަކުން އެއަތޮޅު ވާދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އެޕްރީލް މަހުގެ 20 ވަނަ ދުވަހު އިންޓެލިޖެންސާއި ގައްދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ބޯޓު ގައްދުއާ ގާތްކުރުމުން ފުލުހުން އެބޯޓަށް އަރައި ބޯޓުގައި ހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ކޮތަޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިި ދެ މައްސަލަވެސް ފުލުހުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

Advertisement

ކޮމެންޓް