Advertisement

ހުޅުމާލޭގައި ފައިބަރ ނެޓްވޯކެއް އެޅުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ

22 Apr 2021 | 16:59

ހުޅުމާލެއަކީ ޒަމާނީ ފެންވަރުގެ ޝަހަރަކަށް ހެދުމަށްޓަކައި، އެ ރަށުގައި ފައިބަރ ނެޓްވޯކް ކޭބަލެއް އެޅުމުގެ މަސައްކަތް އެޗްޑީސީން ބާރުމިނެއްގައި ކުރަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ދުނިޔޭގެ ގިނަގައުމުތަކުގައި ތަރައްޤީ ކޮށްފައިވާ ޓެލެކޮމް ވިއުގާތަކަކީ ދުރުމުސްތަޤުބަލަށް ބޭނުން ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ވިއުގަތަކެއްކަމަށާއި، މިއީ ރާއްޖެގައި މުުޅިން އަލަށް ތަޢާރަފުވެގެންދާނެ ކޮންސެޕްޓެއްކަމަށެވެ. މިފަދަ ނެޓްވޯކްތަކަށް ކިޔާ އުޅޭނަމަކީ، އޯޕަން އެކްސެސް ނެޓްވޯކް ނުވަތަ މުނިސިޕަލް ނެޓްވޯކެވެ. ނިއުޒިލެންޑް، ދެކުނުއެމެރިކާގެ ޤައުމުތަކާއި އަދި ޔޫރަޕްގެ ޤައުމުތަކުންވެސް މިފަދަ ނެޓްވޯކްތައް ބޭނުންކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

އެކުންފުނިން ބުނިގޮތުގައި ފައިބަރ ކޭބަލް ނެޓްވޯކަކީ އިންތިހާއަށް އަގުބޮޑު، އަދި އިންވެސްޓްމަންޓް ރިކަވަރ ކުރަން ގިނަދުވަސްތަކެއް ނަގާ މަސައްކަތެކެވެ. އަދި އެޗްޑިސީން ހުޅުމާލޭގައި ޤާއިމުކުރަމުން އަންނަ ފައިބަރ ނެޓްވޯކަކީ، ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމާއި، ޚިދުމަތުގެ އަގުކުޑަކުރަން ބާރުއަޅައިދޭނެ ވަރަށް މުހިއްމު ބިންގަލެއްގެ ގޮތުގައި އެކުންފުނިން ވަނީ ސިފަކޮށްފައެވެ. ސަބަބަކީ މި ނެޓްވޯކް ޤާއިމްކުރަމުން ދަނީ އެޗް.ޑީ.ސީގެ އަމިއްލަ ޚަރަދުގައި ކަމަށްވުމާއި، މިނެޓްވޯރކްގެ އެންމެހާ ކަންތައްތައް ބަލަހައްޓާނީވެސް އެކުންފުނީގެ ވަކި ޙާއްޞަ ޔުނިޓަކުން ކަމަށް ވާތީއެވެ.

މިކަމުގެ ސަބަބުން، މަގުތައް މިފަދަ ބޭނުންތަކަށް ކޮނުމަށް ހުއްޓުމެއް ގެނެވި ޚިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވަކި ނެޓްވޯކެއް އެޅުމުގެ ބަދަލުގައި އެއްނެޓްވޯކެއްގައި ގިނަބަޔަކަށް އެއްފަހަރާ ޚިދުމަތްދިނުމުގެ މަގު ފަހިވެގެންދާނެއެވެ. މިނެޓްވޯކްގެ ޒަރީއްޔާއިން، ތަފާތު ގިނަގުނަ ލުއިފަސޭހަތަކާއި، އެހެނިހެން ފައިދާތަކެއް ލިބިގެން ދާނެކަމަށް އެ ކުންފުނިން ޤަބޫލުކުރެއެވެ. މީގެއިތުރުންވެސް، އަލަށް މާކެޓަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް މިނެޓްވޯކް ބޭނުންކުރުމުގެ ފުރުޞަތު އޮތުމަކީ މުވާޞަލާތީ ގުޅުމާއި ގުޅުންހުރި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އާންމު ރައްޔިތުންނަށް ގިނަ އައު ޚިދުމަތްތަކެއް ލިބިގެންދާނެ ސަބަބެކެވެ.

ހުޅުމާލެއަކީ ޒަމާނީ ފެންވަރަށް ފުރިހަމަ އަރބަން ސިޓީއެއްގެ ކުލަވަރު ޖެހިފައިވާ ސިޓީއަކަށް ހެދުމަށް އެޗްޑީސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ.

Advertisement

ކޮމެންޓް

Advertisement