Advertisement

އެންމެން ކައިގެން: ރަމަޟާން މަހުގެ އުފަލުގައި އެންމެން ބައިވެެރިކުރަމާ!

22 Apr 2021 | 17:28

ބަރަކާތްތެރި ރަމަޟާން މަހަކީ އަބަދުވެސް ގިނަ ގެތަކުގެ ބަދިގެތަކާއި ސުފުރާތައް ވަރަށް ބޮޑަށް "ތިޔާގި" ވެގެންދާ ދުވަސްވަރެކެވެ. ތަފާތު ގިނަ ބާވަތްތަކުގެ ކެއުންތަކުން ކާމޭޒުތައް ފަޅުފިލުވާލާއިރު، ވަރަށް ގިނަ ފަހަރަށް ކާއެއްޗެހި އިސްރާފުވެގެންދެއެވެ. ކަންމިހެން ދިމާވުމުން، ބައެއް ފަހަރަށް މީހަކަށް މިތަކެތި ހަދިޔާކުރުމުގެ ބަދަލުގައި އުކާލެވޭ ފަހަރުވެސް އާދެއެވެ.

ގަބޫލުކުރަންޖެހޭ އިޖުތިމާޢީ ޙަޤީޤަތަކީ، މި ދިވެހި މުޖުތަމަޢުގައިވެސް ހާލުގައި އުޅެމުންދާ އެތައް ބަޔަކު އުޅެމުންދާ ކަމެވެ. އެކަން ބައެއް ފަހަރަށް ވަރަށް ހާމަކޮށް ފެންނަމުންދެއެވެ. އަނެއްބައި ފަހަރަށް، އެކަން އޮންނަނީ ސިއްރުވެފައެވެ. އިސްލާމްދީނަކީ އެކަކު އަނެކަކަށް އަޅާލުމާއި އިހުސާންތެރިކަން އިސްކުރުމުގެ މަތިވެރި ދީނަށް ވީހިނދު، މިފަދަ ކޮންމެ ފަރާތަކަށްވެސް ވީ މިންވަރަކުން އެހީވުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަކިން ޚާއްޞަކޮށް، ހިނގަމުންދާ ބަރަކާތްތެރި ރަމަޟާން މަހުގައެވެ.

މިފަދައިން ހާލުގައި އުޅެމުންދާ ފަރާތްތަކަށް އެހީވުމުގެ މަޤްޞަދުގައި "އެންމެން ކައިގެން" ނަމުގައި ދާދިފަހުން މިވަނީ ތަފާތު ހަރަކާތެއް ފަށާފައެވެ.

މި ހަރަކާތުގެ ބޭނުމަކީ ގެތަކުން އިތުރުވާ ކާބޯތަކެތި އުކާލުމުގެ ބަދަލުގައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ރޭގަނޑު 09:30 އިން ފެށިގެން 12:00 އާއި ދެމެދު ހެންވޭރު ޔޫތު ސެންޓަރުން މި ހަރަކާތުގެ ދަށުން ކާބޯތަކެތި ބަލައިގަތުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގޭގެއިން ރަނގަޅަށް ބަންދުކޮށްގެން ޑިސްޕޯސެބަލް ކޮންޓެއިނަރތަކުގައި ގެންނަ ކާބޯތަކެތި، ބޭނުންވާ ކޮންމެ ފަރާތަކުންވެސް އެގަޑީގައި އެ ސަރަޙައްދަށް ދިއުމުން ލިބޭނެގޮތް ވަނީ ހަމަޖައްސާފައެވެ.

އިސްމާޢީލް ޝިހާބު އަދި ޝައްމާ ޢަބްދުލްޤައްޔޫމް ކިޔާ ދެ ޒުވާނުން އިސްނަގައިގެން ފެށި މި ހަރަކާތުގެ ފުރަތަމަ ބުރު ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރޭ އެކަނިވެސް 100 އަށްވުރެ ގިނަ މީހުންނަށް އެންމެން ކައިގެން ހަރަކާތުގެ ތެރެއިން ވަނީ ކާބޯތަކެތި ފޯރުކޮށްދީފައެވެ. މި ހަރަކާތާއި ގުޅޭ އިތުރު މަޢުލޫމާތުތައް ހޯދަން ބޭނުންވާ ފަރާތްތަކުން ގުޅަންޖެހޭ ނަންބަރުތަކަކީ 9909807 އަދި 7466038 އެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައިވެސް އަބަދުވެސް ދެކެވެނީ ކާބޯތަކެތި އިސްރާފުކުރުމުގެ ވާހަކައެވެ. އެހެންކަމުން މި އަހަރު އެކަމަށް ބަދަލެއް ގެނެސް، އެންމެން ކައިގެން ތިބޭނެކަން ކަށަވަރުކޮށްދީ، މި ބަރަކާތްތެރި މައްސަރުގެ އުފަލުގައި އެންމެން ބައިވެރިކުރަމާ ހެއްޔެވެ؟

Advertisement

ކޮމެންޓް