ދޮގު ތުހުމަތުތަކާއިއެކު ކެރެލާގެ ފުލުހުންގެ ފަރާތުން ދެ ދިވެހިންނަށް އެތަކެއް އަނިޔާތަކެއް!

24 Apr 2021 | 13:41

ދިވެހި ސަރުކާރުން ބޭރު ޤައުމުތަކަށް ޖާސޫސުން ފޮނުވައިގެން، ޤައުމުތަކުގެ ސިއްރުތައް ވިއްކާ ހެދުމުގެ ބައިވެރިއެއްގެ ގޮތުން ހަރަކާތްތެރިވާނެކަމަށް ބުނުމުން ގިނަބަޔަކަށް ސިފަކުރެވޭނީ އެއީ ކޮންމެވެސް ފިލްމެއްގެ ޕްލޮޓެއްކަމަށެވެ. ނުވަތަ އަސްލެއް ނެތް ވާހަކައެއް ކަމަށެވެ. އެހެނަސް ކެރެލާގެ ފުލުހުންނާއި އިންޑިއާގެ މީޑިއާގެ އެތައް ބަޔަކު އެއް ދުވަސްވަރެއްގައި ބުނަމުންދިޔައީ އެއީ ޙަޤީޤަތެއް ކަމަށެވެ. ކަންތައްތައް ވެގެންދިޔައީ ހަމަ އެގޮތަށް ކަމަށެވެ.

1994ވަނަ އަހަރުގެ ތެރޭގައި އިންޑިއަން ސްޕޭސް ރިސާރޗް އޯގަނައިޒޭޝަން (އިސްރޯ)ގެ މަޝްހޫރު ސައިންޓިސްޓެއް ކަމަށްވާ އެސް ނަމްބީ ނާރާޔަން، ކެރެލާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އޭނާގެ އިތުރުން، އިސްރޯގެ އިތުރު އެހެން ބަޔަކާއި ދިވެހި ދެ އަންހެނުންވެސް ކެރެލާގެ ފުލުހުން ހައްޔަރުކުރިއެވެ. މި އެންމެންގެ މައްޗަށް އޭރު ކުރެވުނު ތުހުމަތަކީ އިންޑިއާގެ ޖައްވީ ޕްރޮގްރާމްގެ ޓެކްނޮޮލޮޖީތަކަކާއި ބެހޭ "ސިއްރު މަޢުލޫމާތުތަކެއް" ޕާކިސްތާނުގެ ޖާސޫސީ އިދާރާއަށް ވިއްކަން އުޅުމެވެ.

މި ހާދިސާގައި ހައްޔަރުކުރި ދެ ދިވެހި އަންހެނުންނަކީ މަޝްހޫރު އެކްޓްރެސް ފައުޒިއްޔާ ޙަސަން އަދި މަރިޔަމް ރަޝީދާއެވެ. މި ދެމީހުންގެ މައްޗަށް ކުރެވުނު ތުހުމަތަކީ ޕާކިސްތާނަށް މި ސިއްރުތައް ވިއްކުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ. މި މައްސަލައިގައި އެ ދެމީހުން ހައްޔަރުކޮށް، ނުޙައްޤުން ދެ އަހަރެއްހާ ދުވަސް ވާންދެން ހައްޔަރުކޮށް އެތަކެއް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ކުރިމަތިކުރުވިއެވެ. 1996ވަނަ އަހަރު، އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)އިން މި މައްސަލަ ބަލައި ނިންމިއިރު، މިއީ ކެރެލާގެ ފުލުހުން އުފެއްދި އެއްވެސް މިންވަރުގެ އަސްލެއް ނެތް މައްސަލައެކެވެ.

ފައުޒިއްޔާ އަދި ރަޝީދާގެ ކުށެއް ނެތި އެމީހުންނަށް ބޮޑެތި އަނިޔާއެއް ލިބުނުތާ އެތަކެއް އަހަރެއް މިއަދާއި ހަމައަށް ވަނީ ފާއިތުވެގެން ގޮސްފައެވެ. މި އަސްލެއް ނެތް މައްސަލަ އުފެއްދުމުގައި ކެރެލާގެ ފުލުހުންގެ ބައިވެރިވުން އޮތް މިންވަރު ބެލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ އަންގާފައެވެ. މި މައްސަލައާއި ގުޅޭ ފިލްމެއްވެސް އިންޑިއާގެ ސިނަމާތަކަށް އައުމަށް ތައްޔާރުވަމުންދާއިރު، މި މައްސަލައިގައި ހިމެނޭ ދެ ދެވެހި އަންހެނުންގެ ވާހަކަތައްވެސް އިންޑިއާގެ މީޑިޔާތަކުގައި ދަނީ ގެނެސްދެމުންނެވެ.

އެގޮތުން މިމަހުގެ 18 ވަނަ ދުވަހުގައި، މަރިޔަމް ރަޝީދާ އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދިން އިންޓަރވިއުއެއްގައި ވަނީ މި މައްސަލައިގައި އިންސާފުގެ މާނައެއް ނެތްކަމަށް ބުނެފައެވެ. އެގޮތުން ވަރަށް ޅަ އުމުރުގައި އަބުރު ގެއްލިގެން ދިޔަކަމަށާއި، އެއްވެސް ފައިސާގެ ބަދަލަކުން އެކަން އަނބުރާ ނުލިބޭނެކަމަށް އޭނާ ވަނީ ބުނެފައެވެ. މި އިންޓަރވިއުގައި ރަޝީދާ ކިޔައިދިން ގޮތުގައި އޭނާގެ ބޮލުގައި ކެރެލާގެ ފުލުހަކު ދޮގު ތުހުމަތު އެޅުވީ، އެ ފުލުސް މީހާ އޭނާއާއި ގާތްވާން މަސައްކަތްކުރުމުން އެކަމަށް އިންކާރުކުރުމުންނެވެ. އެގޮތުން ހޮޓެލްގެ ކޮޓަރިން ފައުޒިއްޔާ ފޮނުވާލުމަށްފަހު އެ ފުލުސް މީހާ ރަޝީދާގެ ގައިގައި ބައްދަން މަސައްކަތްކުރުމުން އޭނާގެ ކަންކަށި މަތީގައި ޖެހިކަމަށް ރަޝީދާ ވަނީ ބުނެފައެވެ.

ރަޝީދާ ބުނިގޮތުގައި "ޖާސޫސްކުރުމުގެ" މައްސަލަ އުފެދިގެން އައީ އެހާ ހިސާބުންނެވެ. އަދި އިންޑިއާގެ މީޑިޔާތަކުންވެސް ދިރާސާކުރުމެއް ނެތި ކެރެލާގެ ފުލުހުން ބުނަމުންދިޔަ ވާހަކަތައް ތަކުރާރުކުރަމުންދިޔަކަމަށާއި، އެއްވެސް ފަރާތަކުން އޭނާ އަދި ފައުޒިއްޔާގެ ބަހަށް ގަބޫލު ނުކުރުމުން، ޖަލުގައި އަނިޔާތައް ތަަހައްމަލް ކުރަންޖެހުނުކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. ރަޝީދާއަކީ އޭނާގެ ދަރިފުޅަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކެރެލާއަށް ބަދަލުވި މީހެކެވެ.

ރަޝީދާގެ އިތުރުން ފައުޒިއްޔާއަކީވެސް އޭނާގެ ދަރިފުޅަށް ތަޢުލީމް ހާސިލުކޮށްދޭން އިންޑިއާގައި ހުރި މީހެކެވެ. މި މައްސަލައިގައި ރަޝީދާގެ އިތުރުން ފައުޒިއްޔާއަށްވެސް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނުއިރު، ދާދިފަހުން އޭނާ ވަނީ އިންޑިއާގެ ބައެއް މީޑިޔާތަކަށް އެކަމުގެ ތަފުސީލުތަކެއް އަލުން ކިޔައިދީފައެވެ. މިހާރު އަވައްޓެރި ސްރީލަންކާގައި ދިރިއުޅެމުންދާ ފައުޒިއްޔާ ބުނިގޮތުގައި ޙަޤީޤަތުގައި އޭނާއަކީ އެ މައްސަލައިގެ ކުރިން ނަމްބީ ނާރާޔަންގެ ނަންވެސް އަޑުއަހާފައިވާ ފަރާތެއް ނޫނެވެ. ނަމަވެސް މި މައްސަލައިގައި އޭނާ ހައްޔަރުކޮށް، ކެރެލާގެ ފުލުހުން ބޮޑެތި އަނިޔާތަކެއް ދިންކަމަށް ފައުޒިއްޔާ ވަނީ ބުނެފައެވެ. އަދި އަނިޔާތަކަށް ފަހުގައިވެސް ނަމްބީގެ ނަން ބުނުމަށް އިންކާރުކުރުމުން، އޭރު އިންޑިއާގައި ކިޔަވަމުންދިޔަ ފައުޒިއްޔާގެ އަންހެން ދަރިފުޅު ރޭޕްކުރާނެކަމުގެ އިންޒާރުވެސް ކެރެލާގެ ފުލުހުން ދިންކަމަށް ވަނީ ފާހަގަކޮށްފައެވެ.

ފައުޒިއްޔާ ވަނީ މި މައްސަލައިގައި ނަމްބީ ނާރާޔާނަަށް ބަދަލު ދެވުނު ފަދައިން، އޭނާއަށް ބަދަލެއް ދެވެންވާނެކަމަށް ގަބޫލުކުރާކަމަށް ބުނެފައެވެ. ސަބަބަކީ މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން ފައުޒިއްޔާއަށް ދެވުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން އޭނާގެ ޞިއްޙީ ހާލަތަށް އަދިވެސް އަސަރުކޮށްފައިވުމެވެ.

ދިވެހި ދެ އަންހެނުންނަކީ ޖާސޫސުންކަމަށް ހަދައި، ދެތިން އަހަރު ވަންދެން އިންޑިއާގައި އެތަކެއް އަނިޔާތަކެއް ކުރިމަތިކުރުވިކަމީ ގިނަބައެއްގެ ހަނދާނުން ކައްސާލާފައިވާ ކަމެކެވެ. އެހެނަސް މަރިޔަމް ރަޝީދާ އަދި ފައުޒިއްޔާ ޙަސަންގެ ސިކުނޑީގައި އެ ހަނދާންތައް އަދިވެސް ހަރުލާފައި އެބަހުއްޓެވެ. "ރޯންގ ޕާސަން، ރޯންގ ޕްލޭސް އެންޑް ރޯންގ ޓައިމް"ގެ ސަބަބުން އެމީހުންނަށް ލިބުނު އަނިޔާތަކުގެ ބަދަލު ލިބޭނީ ކޮން ދުވަހަކުން ބާވައެވެ؟ އެކަމުގައި ދިވެހި ދައުލަތުން މިއަދާއި ހަމައަށްވެސް ބަހެއް ނުބުނެ އޮތީ ކީއްވެގެންބާވައެވެ؟

Advertisement

ކޮމެންޓް