ނިހާދު، މަލީޙުއަށް: ބޭރުކޮށްލުމުން ސަރުކާރު ގޯސްވާނެ، އިންސާނަކަށް ވެދާނެ ގޮތެއް

24 Apr 2021 | 17:41

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލުއަށް ކުރީން ސަރުކާރުން ކުރިން ހުރިހާ ކަމެއް "އޯކޭ"ވެފައި، މަޤާމުން ދުރުކުރުމުން ސަރުކާރު ގޯސްވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު މަލީޙުއަށް ފާޑުވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މަލީޙު ކުރެއްވި ޓްވީޓަކަށް ރިޕްލައި ކުރައްވައި، ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަލީޙު މަޤާމުން "ބޭރުކޮށްލި" ފަހުން، އޭނާއަށް ސަރުކާރު ގޯސްވެފައިވާ ކަމަށާއި، އެއީ ވެދާނެ ކަމެއް ކަމަށެވެ.

"ސަރުކާރުގައި ހުރިއިރު، ހުރިހާ ކަމެއް އޯކޭވެފައި، ފެއިލްވެއްޖެ ކަމަށް މަޖިލިސްއިން ނިންމައި، ބޭރުކޮށްލުމުން ސަރުކާރު ގޯސް. އިންސާނަކަށް ވީތީ ދިމާވެދާނެ ގޮތެއް" ނިހާދު ވިދާޅުވިއެވެ.

އޭނާ ވަނީ ކަމާއިގުޅޭ ފަރާތެއްގެ އެހީތެރިކަން އަވަހަށް ހޯދުމަށް މަލީޙުއަށް އިލްތިމާސްކުރައްވައިފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވި މަލީޙުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުއެވެ.

މަލީޙުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ނިންމެވި ސަބަބުތަކުގެ ތެރޭގައި، އޭނާ އެ މަޤާމުގައި ހުންނަވައިގެން ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ނުކުރެވުން ހިމެނޭ ކަަމަށް އެމްޑީޕީ މެންބަރުން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި އިންޓަރނެޓުގެ އަގުހެޔޮ ނުކުރެވުންވެސް ހިމެނެއެވެ.

ނަމަވެސް މަލީޙު ވިދާޅުވާ ގޮތުގައި، އޭނާ މަޤާމުން ވަކި ކުރީ ސިޔާސީ ބޭނުމެއްގައެވެ. އެގޮތުން އިންޓަރނެޓްގެ މައްސަލައިގައި، ކޮމިއުނިކޭޝަން މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރުމަށްފަހު، ރައީސް އޮފީހަށް އެންގުމުންވެސް، އިންޓަރނެޓްގެ އަގުހެޔޮ ކޮށްދީފައި ނުވަނީ، އޭނާ އަކީ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރަކަށް ނުވާތީ ކަމަށްވެސް މަލީޙު ވަނީ ވިދާޅުވެފައެވެ.

މަލީޙު ވިދާޅުވި ގޮތުގައި، ކޮމިއުނިކޭޝަން މިނިސްޓްރީގައި މުވައްޒަފުންގެ ދަތިކަންވެސް އެހާ ބޮޑެވެ. އެގޮތުން އެ ވުޒާރާގައި މަސައްކަތް ކުރަނީ އެންމެ 18 މުވައްޒަފުން ކަަމަށާއި، ވުޒާރާގެ އޮފީހަކީ "ބާ ގުދަނެއް" ފަދަ ތަނެއް ކަމަށްވެސް މަލީޙު ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް