މީގެ ކުރިންވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭނެ ކަމަށް ސަރުކާރުން ބުނި، ޢަމަލެއް ނުކުރޭ: ޝިޔާމް

26 Apr 2021 | 16:14

ރައީސް ޔާމީން ގެއަށް ބަދަލު ކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިންވެސް އެތައް ފަހަރަކު ބުނި ކަމަށާއި، މިހާތަނަށް އެކަން ކޮށްފައި ނުވުމުން، ސަރުކާރުން އެމަނިކުފާނަށް ލުޔެއް ދޭން ބޭނުން ނުވާކަން ހާމަވާ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެެެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރޭ ސަންގު ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީންގެ ޞިއްޙީ ހާލުކޮޅާއި ގުޅޭގޮތުން، އެމަނިކުފާނު "ސްޓްރެސް ފްރީ" މާހައުލަކަށް ބަދަލު ކުރުމަށް ޑޮކްޓަރުން ވަރަށް ސާފުކޮށް ލަފާދެއްވާފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކުން، ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ސިޔާސީ ބޭފުޅުންނަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، ރައީސް ޔާމީނާއިމެދު ޢަމަލު ކުރަމުންދަނީ ވަަރަށް އިހާނެތިކޮށް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"މި މައްސަލައިގައި ސަރުކާރާއިއެކީގައި ޕާޓީގެ ފަރާތުން އެކި ފަހަރު އަޅުގަނޑުމެން ވާހަކަ ދައްކައިފިން. ވަރަށް ގިނަ ވާހަކަ ސަރުކާރުން ދައްކާ. އެހެންނަމަވެސް އެވާހަކަތަކުގެ ޙަޤީޤަތެއް ނެތްކަން އަަޅުގަނޑުމެންނަށް މި އެނގެނީ" ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ލީޑަރު، އަދި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްފިނަމަ، ގޭގައި ހުންނަވައިގެންވެސް ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރައްވާފާނެ ކަމަށް ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ބުނާކަން ފާހަގަކުރައްވައި ޝިޔާމް ވަނީ، ރައީސް ޔާމީންދެކެ އެހާ ބިރުގަންނަނީތޯ ސުވާލުކުރައްވައިފައެވެ.

"މި ސަރުކާރަކީ ހުރިހާ ބާރުތަކާއި އެކީގައި އޮތް ސަރުކާރެއް. މުޅި ދައުލަތް ސަރުކާރާއިއެކުގައި މިއޮތީ. ސަރުކާރު އެހާ ބިރުގަންނާކަށް ނުޖެހޭ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ރައީސް ޔާމީން ދެވަނަ ރަމަޟާންމަހެއް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ ސަރުކާރުގެ ވާދަވެރީންގެ ވަަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވެފައެވެ. ދިވެހި ރައްޔިތުން އެދެނީ، ރައީސް ޔާމީން މިނިވަންވެވަޑައިގެން، ސިޔާސީ މައިދާނުގައި ހުންނެވުމަށް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް