Advertisement

ބޮޑު ޚިޔާނާތް ތަޙުޤީޤު ނުކުރަނީ ބަޔަކު ހިމާޔަތް ކުރުމަށް: ދުންޔާ

27 Apr 2021 | 12:16

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ)ގެ ހިޔާނާތް ތަޙުޤީޤު ކުރުން ސަރުކާރުން ހުއްޓާލާފައިވަނީ ވަކި ބަޔަކު ހިމާޔަތް ކުރުމަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވަނީ ކުރެެއްވި ޓްވީޓެއްގައެވެ. ދުންޔާ މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ވަަރަށް ބޮޑަށް ދެކެވިފައިވާ ދަނޑިވަޅެއްގައެެވެ. މަޖިލީހުގައި މެންބަރުން އިއްޔެ ވަނީ އެ ޚިޔާނާތާއި ގުޅިގެން އެއް މެންބަރަކު، އަނެއް މެންބަރަކަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ކުރީ ސަރުކާރުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ މީހުންގެ ތަފުސީލުތަކާއި، އެ މައްސަލަ ގޮސްފައިވާ ހިސާބެއް ހޯދައި ދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން، ޙަސަން ލަތީފު ސިޓީއަކުން ރިޔާސަތުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. މި ވާހަކަފުޅާއެކު އިއްޔެ މަޖިލީހުގައި އެންމެ ބޮޑަށް ދެކެވުނީ ޚިޔާނާތުގެ ވާހަކައެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވި ގޮތުގައި، ބޮޑު ޚިޔާނާތް ބެލުމަށް ވަޢުދުވެގެން، ވެރިކަން ހޯދުމަށްފަހު، ސަރުކާރުން އެކަން ނުކުރަނީ ވަކި ބަޔަކު ހިމާޔަތް ކުރުމަށެވެ.

"އެމްއެމްޕީއާރްސީގެ މައްސަލަ ފެންމަތި ވިތާ އެތައް އަހަރެއް ފާއިތުވެފައިވާއިރު، ފުރިހަމަ ތަޙުޤީޤެއް ހިންގުމުގެ ވަޢުދުގައި ވެރިކަން ހޯދި މިސަރުކާރުން އެފަރާތުގައި ތިބި ބައެއް ހިމާޔަތްކުރުމަށްޓަކައި ތަޙުޤީޤު ހުއްޓާލާފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން!" ދުންޔާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުންކުރި މީހުންގެ އަދަދު 300އާއި ގާތް ކުރާ ކަމަށް ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންމެ ފަހުން ވަނީ ބުނެފައެވެ. 

Advertisement

ކޮމެންޓް