Advertisement

މިއީ އެމްޑީޕީގެ ސަރުކާރެއް، އެނޫން ގޮތަކަށް ނުނިންމޭނެ: މޫސަ

27 Apr 2021 | 12:26

މިއީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި، އެނޫން ގޮތަކަށް ނުނިންމޭނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ޔާމީން ބަލި ކުރުމަށްޓަކައި އެމްޑީޕީން، ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި ބައިއަތު ހިފުމަށްފަހު، ގޯސްކޮށް ކަމެއް ހިނގުމުން، މިހާރު އޮތީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށް ނުބުނެވޭނެއެވެ.

"ބައެއް މީހުން އަޑަށް ބާރުލާފައި އެބުނަނީ، ތިމަންނާމެންގެ ސަރުކާރެއް ނޫނޭ މީ. އެމްޑީޕީގެ ސަރުކާރު މިހާރު މިއީ. އެނޫން ގޮތަކަށް ނުނިންމޭނެ" މޫސަ ވިދާޅުވިއެވެ.

ދުބާއީގެ ކުންފުންޏަކާއި ހަވާލުކޮށްގެން ރާއްޖެއަށް ގެންނަން އުޅުނު 75 ވެންޓިލޭޓަރާއި ގުޅޭ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން، މި ސަރުކާރުގައި ކޮރަޕްޝަން އެބައޮތް ކަމަށް އެއްބަސްވެވަޑައިގެން، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، މިއީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށެެވެ.

އަދި ވައްކަން ކުރާ ސަރުކާރެއްގައި އެމްޑީޕީ އޮންނަން ބޭނުންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގައި، ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރުންވެސް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވެއެވެ.

މޫސަގެ ވާހަކައިގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށާއި، އެޕާޓީގެ ބައެއް މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެމްޑީޕީން އަބަދުވެސް، އެ ޕާޓީގެ ފަރާތުން، ޤައުމުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް އިޙުތިރާމުކޮށް، އެބޭފުޅަކު ސަލާމަތް ކުރަން މަސައްކަތް ކުރާ އުސޫލެއް ގެންގުޅެމުން އައިނަމަވެސް، މިހާރު އެމަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަަލަތައް އުފައްދަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ކަމަށާއި، ޕާޓީ ބައިބައިކުރުމަށް ބައެއް އެކްޓިވިސްޓުން ބޭނުންކޮށްގެން މަސައްކަތް ނުކުރުމަށްވެސް މޫސަ ވަނީ ގޮވާލައްވައިފައެވެ. 

Advertisement

ކޮމެންޓް

Advertisement