އިންޑިޔާއާއެކު ހަދާ ކަރަންސީ ސްވެޕްގެ ސަބަބުން ރާއްޖެއަށްވާނީ ކޮން ގެއްލުމެއް؟

22 Dec 2018 | 20:56

ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިންޑިޔާއަށް މިމަހު ކުރެއްވި ދަތުރުފުޅުގެތެރޭގައި ހަމަޖެހިގެންދިޔަ ކަރަންސީ ސްވެޕް ފެސިލިޓީގެ ސަބަބުން ދިވެހި ރާއްޖޭގައި އިންޑިޔާ ރުފިޔާ ގިނަވެ ދިވެހި ރުފިޔާގެ އަގުނެތި ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބައެއް ފަރާތްތަކުން ވާހަކަތައް އެބަފަތުރައެވެ.

މިކަން ބޮޑަށް ދިމާވެގެން މިއުޅެނީ މިކަމުގެ ތަފްސީލު ސަރުކާރުގެ ވެރިންނަށް ރައްޔިތުންނަށް ސާފުކޮށް ކިޔައިނުދެވިގެންނެވެ. ސަރުކާރުން ބޭނުންވަނީ ކަރަންސީ ސްވެޕްކުރުމަށް އިންޑިޔާއިން މިހަމަޖެއްސި ހަމަޖެއްސުމަކީ އެމްޑީޕީގެ ސަރުކާރަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި ދެއްކުމަށެވެ. އެހެންނަމަވެސް އެންމެ އާދައިގެ މީހާއަށް މިހީވަނީ މިއީވެސް އިންޑިޔާއަށް އަޅުވެތިވުމުގެ ސިލްސިލާގެތެރޭގައި ހިމެނޭ ކަމެއްކަމަށެވެ.

ދިވެހި ރާއްޖެއާއި އިންޑިޔާއާއި ދެމެދު ކަރަންސީ ސްވެޕް ހެދުން ފެށިގެން އައިސްފައިވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެންނެވެ. އަޅުގަނޑު ހަނދާންވާގޮތުގައި އެކަން ކުރެއްވީ ފަޒީލް ނަޖީބް އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވިއިރުއެވެ.

ކަރަންސީ ސްވޭޕްހެދުން މިއީ ކުރުމުއްދަތެއްގެތެރޭގައި އަބުރާ ދައްކަން ނަގާ ލޯންއެކެވެ. ރާއްޖެއިން މިލޯން ނަގަނީ ސަރުކާރަކުން ނޫނެވެ. ފައިސާނަގަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭއިން އިންޑިޔާގެ ރިޒާވް ބޭންކުންނެވެ. މިމުއާމަލާތް ހިންގަނީ ރުފިޔާއާއި ޑޮލަރުންނެވެ. މިކަން ކުރަނީ ރާއްޖޭގެ ރިޒާވް 200 ނުވަތަ 300 މިލިޔަން ޑޮލަރުން ދަށަށް ދިޔަނުދީ ހިފެހެއްޓުމަށެވެ.

ސްވެޕްހަދައިގެން ނަގާ ފައިސާ ބަހައްޓަނީ އެމްއެމްއޭގެ ރިޒާވްގައެވެ. އާއްމުގޮތެއްގައި އެއީ އަތްލާ ފައިސާއެއް ނޫނެވެ. ރާއްޖޭގެ ސެންޓްރަލް ބޭންކު މިގޮތަށް ނަގާ ފައިސާ އަބުރާ ދައްކަން އިންނަނީވެސް ކުރު މުއްދަތެކެވެ. ތިން މަސް ނުވަތަ ހަމަސްދުވަހުގެތެރޭގައި އަބުރާ ދައްކަންޖެހެއެވެ. މިއީ ވަގުތީ ހައްލަކަށް ބޭނުންކުރާ އެއްޗެކެވެ.

އިންޑިޔާގެ ސެންޓްރަލް ބޭންކު ހުޅުވާފައި އޮންނަ ސްވެޕް ފެސިލިޓީއަކީ ދިވެހި ރާއްޖެއަށް އެކަނި އޮންނަ އެއްޗެއްވެސް ނޫނެވެ. ސާކު ގައުމުތަކަށް މިފެސިލިޓީއަށް އެކްސެސް ވެވެއެވެ.

ސަރުކާރުން މިފަހަރު އަލަށް ކުރިކަމަކީ މިފެސިލިޓީގެ ދަށުން އެމްއެމްއޭއަށް ނަގާ ލޯންގެ އަދަދު 400 މިލިޔަން ޑޮލަރާއި ހަމައަށް އިތުރުކުރުމަށް އިންޑިޔާއާއެކު އެއްބަސްވުމެވެ.

އޭގެއިތުރަށް އެހެންތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެކުރިން ޑޮލަރުން ސްވެޕް ހަދަމުންގޮސްފައި މިފަހަރު ފެސިލިޓީ ފޯރުކޮށްދެނީ އިންޑިޔަން ރުޕީސް އިންކަމެއް ސާފެއް ނުވެއެވެ. ރުޕީސްއިން މުއާމަލާތްކުރާނަމަ ކުރިމަތިވެދާނެ ބައެއް ކަހަލަ ގެއްލުންތަކެއް ހުރެދާނެއެވެ. އަޅުގަޑުމެންނަށް ފެންނަމުންދާގޮތުގައި އިންޑިޔާއިން ގަލްފުގެ ބައެއް ގައުމުތަކާއެކުވެސް މިގޮތަށް ކަރަންސީ ސްވެޕް ޑީލްތައް އެބަހަދައެވެ. 

Advertisement

ކޮމެންޓް