Advertisement

ބަޖެޓުގައި އާ ސަރުކާރުގެ ޕްލޭންތައް ތަންފީޒު ކުރެވެންޖެހޭނެ: އިބޫ

28 Sep 2018 | 13:25

އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގައި އާ ސަރުކާރުގެ ޕްލޭންތައް ތަންފީޒު ކުރެވޭ ގޮތަށް ބަޖެޓް އެކުލަވާލުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް މިހާރު ފިނޭންސް މިނިސްޓްރީން ހަދަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓް ވެގެންދާނީ އެމަނިކުފާނުގެ ސަރުކާރުގެ ބަޖެޓަށް ކަމަށެވެ. އެހެން ކަމުން އެ ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުންނާނެ ކަމަށާއި އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރުމަށް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ބަޖެޓް އެކުލަވާލުމުގައި އާ ސަރުކާރުގެ ޕްލޭންތައް ތަންފީޒު ކުރެވޭ ގޮތަށް ބަޖެޓް އެކުލަވާލުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށާއި މިހާރު ނަގާފައިވާ ކޮމާޝަލް ލޯނުތައް ދެއްކުން ދިގު މުއްދަތަކަށް ދަންމާލަށް ޖެހޭ ކަމަށެވެ.

ބަޖެޓް ހުށަހަޅާއިރު އާ ސަރުކާރުގެ ޕޮލިސީތައް ގެނައުމުގެ ފުރުސަތު ލިބިދިނުމަކީ ކުރަން ޖެހޭ ކަމެއްކަމަށާއި، އަދި އެހެން ނުވިކަމަށްވި ނަމަވެސް މަޖިލީހަށް ބަޖެޓް ހުށަހެޅިގެންދާއިރުގައި އެ ބަދަލުތައް ގެނައުމަށް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ދަރަނި އަދާކުރަން ޖެހެނީ ލިބޭ އާމްދަނީއަކުން ކަމަށާއި އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އެކަން ހައްލުކުރުމުގެ ގޮތުން، ބޭރުން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

Advertisement

ކޮމެންޓް

Advertisement