ފުރަތަމަ 100 ދުވަހުގެ ވަޢުދުފުޅުތަކާގުޅޭ 2 ބިލަކާއި އިތުރު 4 ބިލެއް ރައީސް ތަޞްދީޤު ކުރައްވައިފި

21 Dec 2018 | 09:37

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުފުޅުތަކާއި ގުޅޭ ދެ ބިލަކާއި އިތުރު ހަތަރު ބިލެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މިގޮތުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުފުޅާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ދެ ބިލުގެ ތެރެއިން އެއް ބިލަކީ 11 ޑިސެންބަރު 2018 ވީ އަންގާރަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާއިން ފާސްކުރެއްވި، "ޤާނޫނު ނަންބަރު 79/31، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ". މި ބިލް ތަސްދީޤު ކުރެއްވުމާ ގުޅިގެން، ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެތީގެ ތެރެއިން، ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއިން ޢާންމުކޮށް ޝާއިޢުކުރާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.

މިއަދު ތަސްދީގު ކުރެއްވި ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކާއި ގުޅޭ އަނެއް ބިލަކީ 12 ޑިސެންބަރު 2018 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޤާނޫނު ނަންބަރު 79/31، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ". މި ބިލް ތަސްދީޤު ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގައި މަސްވެރިކަންކުރާ މަސްދޯނިފަހަރުގައި ބޭނުންކުރާ ޑީސެލުންނާއި، ޢާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ދޭ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސެލުން ނަގާ އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި އެހެން ބިލްތަކަކީ، 12 ޑިސެންބަރު 2018 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޤާނޫނު ނަންބަރު 99/2، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި"، "ޤާނޫނު ނަންބަރު 2013/14، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި"، "ޤާނޫނު ނަންބަރު 96/10، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި"، "ޤާނޫނު ނަންބަރު 2011/9، ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ".

މި ބިލުތައް ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

Advertisement

ކޮމެންޓް