ޖަޕާން ސްކޫލްތަކުގެ ނަމޫނާ ކެއުމުގެ ޕްރޮގްރާމް ދަންނަންތަ؟

21 Dec 2018 | 15:08

ރާއްޖޭގެ ސްކޫލްތަކުގައި އަންނަ އަހަރުން ފެށިގެން ޕައިލެޓް ޕްެރޮޖެކްޓެއްގެ ގޮތުގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭން ތައްޔާރުވަމުންދާއިރު، އެ ޕްރޮގްރާމަށް ހުރިހާ ފަރާތްތަކުންވެސް ތިބީ ނަޒަރު ހިންގައިގެންނެވެ. އެ ޕްރޮގްރާމް ބައްޓަންވާނެ ގޮތާއި، ހެނދުނުގެ ނާސްތާގެ މެނޫ މިދިޔަ ހަފްތާގައި އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާއިރު، އެ ޕްރޮގްރާމްއަށް ދަނީ ތައުރީފުތަކާއި ފާޑުކިޔުންތައް ލިބެމުންނެވެ.

ސްކޫލްތަކުގެ މާހައުލުގެ ތެރެއިން ދަރިވަރުންނަށް ހިލޭ ކެއުން ދިނުމަކީ  ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ކުރާ ކަމެކެވެ. އެގޮތުން ޖަޕާނުގެ ސްކޫލްތަކުގައި އެ ސްކޫލްތަކުގެ ދަރިވަރުންނަށް މެންދުރުކެއުން ފޯރުކޮށްދެއެވެ. ނަމަވެސް ޖަޕާނުގައި ހިންގާ މި ޕްރޮގްރާމަކީ ތަފާތު ގޮތަކަށް ހިންގާ ޕްރޮގްރާމެކެވެ.

މެންދުރުގެ ކެއުމަކީ ޖަޕާނުގައި ހަގީގަތުގައި ދަރިވަރުންގެ އިންޓަރވަލް ގަޑިއެއް ނޫނެވެ. އެއީވެސް ހަމަ ކިޔެވުމުގެ ތެރޭގައި ހިމެނޭ މާއްދާއެއްފަދަ މުހިންމު ކަމެކެވެ. އެގޮތުން ޖަޕާނުގެ ސަރުކާރުގެ ސްކޫލްތަކުން، ބެލެނިވެރިންނަށް ކުއްޖާގެ މެންދުރުގެ ކެއުން ނުދެވޭނަމަ ކުދިންނަށް ހިލޭ ކެއުން ފޯރުކޮށްދެއެވެ.

ސެޓް މެނޫއެއްގެ ދަށުން މިކަން ކުރާއިރު، ކޮންމެ ހަފްތާއަކުވެސް ތަފާތު މެނޫއެއް ކުދިންނަށް ފޯރުކޮށްދެވޭތޯ ސްކޫލްތަކުން މަސައްކަތްކުރެއެވެ. ސިއްހަތަށް ފައިދާހުރި ކާނާތަކަކީ ކޮބައިކަން ކުދިންނަށް ދަސްކޮށްދޭ ފަދަ ގޮތަކަށް މެންދުރުގެ ކެއުމުގެ ގަޑި ކުރިއަށްދާއިރު، ކުދިންނަށް ކާއެއްޗެހި ފޯރުކޮށްދިނުމުގައި އެހެންކުދިންވެސް ހަރަކާތްތެރިވެއެވެ. 

ޖަޕާނުން މިފަދަ ނަމޫނާ މެންދުރު ކެއުމުގެ ޕްރޮގްރާމެއް އެގައުމުގެ ސްކޫލްތަކުގައި ހިންގާއިރު، ރާއްޖެއިންވެސް މިކަމުން މިސާލު ނެގިދާނެއެވެ. ކުދިންނަށް ހަމައެކަނި ހެނދުނުގެ ނާސްތާއެއް ދިއްކޮށްލުމުގެ ބަދަލުގައި، ހެޔޮ އާދަތައް ގައިގައި ހަރުލެއްވުމަށް މަސައްކަތްކުރާ ގަޑިއަކަށް ނާސްތާގެ ގަޑި ހެދިދާނެއެވެ. ވަށާޖެހޭ ތައުލީމެއްގެ ހަގީގީ ސިފަ ފެންނާނީ އޭރުންނެވެ.

Advertisement

ކޮމެންޓް