އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލަނީ

21 Dec 2018 | 16:55

އިއްޔެ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް މިވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާދެއްވާފައިވަނީ އެމެރިކާ ސިފައިން ސީރިޔާއިން ބޭލުމަށް ރައީސް ޑޮނަލް ޓްރަމްޕް އިއުލާންކުރެއްވިތާ އެއްދުވަސްފަހުންނެވެ. އެހެންކަމުން ލަފާކުރެވިފައިވާގޮތުން މެޓިސް މިއިސްތިއުފާދެއްވީ އެސަބަބާހެދިއެވެ. އިސްތިއުފާދެއްވަމުން އޭނާވަނީ ރައީސް ޓްރަމްޕާއި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އޮތްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ސީރިޔާއިން އެމެރިކާ ސިފައިން ބާލަން ނިންމުމަށްފަހު މިހާރު އަފްޣާނިސްތާނުންވެސް އެމެރިކާ ސިފައިންގެ ވަރަށް ގިނަ ބަޔަކު އަބުރާ ގެންދަން ޓްރަމްޕް ސަރުކާރުން ނިންމައިފިކަމަށް އެމެރިކާގެ މީޑިއާތައް ބުނެއެވެ. އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާސިފައިންގެތެރެއިން 7000 ސިފައިން އަބުރާގެންދާނެކަމަށްވެއެވެ. މިއީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ. ރިޔާސީ އިންތިޚާބުގެތެރޭގައިވެސް އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އަބުރާ ގައުމަށް ގެންނަވާނެކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވަމުން ގޮސްފައިވަނީ އެއީ ބޭކާރުގޮތުގައި ހޭދަކުރެވޭ ފައިސާއެއްކަމުގައެވެ.

ބައެއް އެނަލިސްޓުން ބުނާގޮތުގައި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަކީ ވަރަށް ގެއްލުންބޮޑުކަމެކެވެ.

ސެޕްޓެމްބަރ އެގާރައިގައި އެމެރިކާއަށް ދިން ހަމަލާއަށްފަހު 2001 ވަނަ އަހަރުންފެށިގެން އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައި ތަލިބާނުންނާއި ހަގުރާމަކުރަމުންގެންދެއެވެ. މިއީ އެމެރިކާގެ ތާރީޚްގައި ކުރަމުންދާ އެންމެ ދިގުލީ ހަގުރާމައެވެ. މިހަގުރާމައިގައި އެމެރިކާ ސިފައިންގެ 2300 އެމެރިކާ ސިފައިން މަރުވެ އެތައް ސަތޭކަހާސް އަފްޣާނިސްތާން ރައްޔިތުން މަރުވެފައިވެއެވެ. އެމެރިކާގެ ވަރަށް ގިނަ ހަމަލާތަކުގައި ކުށެއްނެތް އާއްމުން މަރާފައިވެއެވެ.

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ގެންދަން ޓްރަމްޕް ސަރުކާރުގެ ވަރަށް ސީނިއަރ ބޭފުޅުން ދެކޮޅުކަމަށްވެއެވެ. އަފްޣާނިސްތާނުން ބުނެފައިވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލިޔަސް އިތުރަށް ވަކިވާނެކަމެއް ނެތްކަމަށެވެ. މިހާރު ތިބޭ ސިފައިންނަކީވެސް ތަލިބާނުންނާ އަފްޣާނިސްތާނު ސަރުކާރު ސިފައިން ކުރާ ހަނގުރާމައިގައި އެއްވެސް ވަރަކަށް ބައިވެރިނުވެ ލަފައާއި އިރުޝާދުދޭން ތިބޭބައެއްކަމަށް އަފްޣާނިސްތާނު ސަރުކާރުގެ އޮފިޝަލުން ބުނެއެވެ. އެކަމަކު އެމެރިކާ ސިފައިން ބޭލުމަކީ ތަލިބާނުންނަށް ލިބިގެންދާ ކާމިޔާބެއްގެ ގޮތުގައި ފާހަގަކުރެވޭނެއެވެ.

Advertisement

ކޮމެންޓް