ޓިނޭ ނުކިޔާ ޕެޓްރޯލް ކިޔައިގެން ވާހަކަދެއްކިޔަސް މާ ރަނގަޅުވާނެ: އަދުރޭ

21 Dec 2018 | 20:50

ޓިނޭ ކިޔައިގެން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އެއަށްވުރެ ޕެޓްރޯލް ކިޔައިގެން ވާހަކަދެއްކިޔަސް މާ ރަނގަޅުވާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ އަވަސް އޮންލައިންގެ ހުކުރު ދުވަހުގެ ޚާއްސަ ޕްރޮގްރާމް ކަމުގައިވާ އަވަސް ހުކުރުގެ މިއަދުގެ އަދަދުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ 1987ވަނަ އަހަރު އޭނާ އެސްޓީއޯގެ ވަޒީފާގައި ހުއްޓާ އަރުވާލެވުނީ ޓިނާއި ގުޅުންހުރި މައްސަލައެއްގައި ނޫންކަމަށާއި އެއީ ޒާތީގޮތުން އަމާޒުކުރެވުނު ކަންތައްތަކެއްގައި ހިނގައިދިޔަ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޓިނުގެ ވާހަކަ ދައްކަވާ ބޭފުޅުންގެ ގާތު ޓިނާއި އަދުރޭއާއި ދެމެދު އޮތް ގުޅުމަކީ ކޮބައިތޯ އަހާލަން ބޭނުންވާ ކަމަށެވެ.

އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި އޭރު ހަވާލުވެވަޑައިގެން ހުންނެވީ ރާއްޖޭގެ ހަމައެކަނި ޕެޓްރޯލް ވިއްކާ ފިހާރައާއިއެެވެ. އެހެންކަމުން ޓިނާއި ގުޅުވައިގެން ވާހަކަދެއްކުމަށްވުރެ ޕެޓްރޯލޭ ކިޔައިގެން ވާހަކަ ދެއްކިޔަސް މާ ރަނގަޅުވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

" އަޅުގަނޑަށް ހީވަނީ މި ޕްރޮގްރާމް ބަލާފައި ޓިނު، ޕެޓްރޯލަށް ބަދަލުކޮށްލަދާނެހެން،"، ސަމާސާގޮތަކަށް އަދުރޭ ވިދާޅުވިއެެވެ.

މި ޕްރޮގްރާމްގައި އަދުރޭ އިތުރަށް ވިދާޅުވީ ސަރުކާރު ވައްޓާލަން މަސައްކަތްނުކުރާނެ ކަމަށާއި، ކުރާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކަމަށެވެ. އަދި ރައީސް މައުމޫނުހާ ޒާތީ ބޭފުޅަކު ނުދެކޭކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް