މީގެ ކުރިން ޙައްޤުތަކުގެ ވާހަކަ ދެއްކި މީހުން މިހާރު ތިބީ އަނގަމަތީ ވަޒީފާ އަޅައިގެން: މެޒޯ މޯޑު

02 May 2021 | 16:24

މީގެ ކުރިން އިންސާނީ ޙައްޤުތަކުގެ ވާހަކަ ދެއްކި މީހުން މިހާރު ތިބީ "އަނގަމަތީގައި ވަޒީފާ އަޅައިގެން" ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުޙައްމަދު ބުނެފިއެވެ.

މަސައްކަތުގެ މާޙައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ދެކޮޅަށް ނުކުތް ބައެއް ޒުވާނުންނަށް ފުލުހުންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް އަނިޔާ ލިބިފައެވެ. އެއްވުން ކަވަރު ކުރަން އުޅުނު ނޫސްވެރިންނާ ފުލުހުން ވަަރަށް ހުތުރު ބަހުން މުއާމަލާތް ކުރި ކަމުގެ ޝަކުވާ ބައެއް ނޫސްވެރިންވެސް ވަނީ ކޮށްފައެވެ.

މިކަމާއި ގުޅިގެން މެޒޯ ކުރި ޓްވީޓެއްގައި ބުނީ، މީގެ ކުރިން ކޮންމެ ދުވަހަކު މަގުތަކަށް ނުކުމެ، ފުލުހުން ލައްވާ ކޮންމެވެސް ގޮތެއް ހަދައިގެން، ފޮޓޯ ނަގައި، އެ ފޮޓޯ ޓްވީޓުކޮށް، ވެރީންގެ އިސްތިއުފާއަށް ގޮވި މީހުން، މިއަދު ތިބީ "އަނިޔާއާއި ދެކޮޅު" މިހެން ލިޔެގެން، އަނގަމަތީ "ވަޒީފާ" އަޅައިގެން ކަމަށެވެ.

މެޒޯ މިހެން ބުނެފައިވާއިރު، މީގެ ކުރިން ނޫސްވެރިކަމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤުގެ ވާހަކަ ދެއްކި ބައެއް މީހުން، މިހާރުގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅު ނުކުރާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.  

Advertisement

ކޮމެންޓް