މާލެ ސީޓީގައި ބޮޑެތި މައްސަލަތަކެއް، ކައުންސިލްގެ ފޯކަސް ސަލްޓަންޕާކަށް

22 Dec 2018 | 17:00

ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށްކަމުގައިވާ މާލެ ސިޓީއަކީ 5.8 ސްކުއާ ކިލޯމީޓާރުގައި 150،000 މީހުންގެ އާބާދީ އެއް ދިރިއުޅެމުންގެންދާތަނެކެވެ. ދުނިޔޭގެ އެންމެ ބައިބޯ ސިޓީގެ ދަރަޖަ މާލެއަށް ލިބެނީ މި ސަބަބާހެދިއެވެ.

ވެރިކަން ކުރާ މާލެ ތަރައްޤީކުރެވިފައިވަނީ ވަކި ޙާއްސަ ޕްލޭނެއްނެތި އެއިރަކަށް ބޭނުންވާކަމަކަށް ހައްލު ހޯދައިދެމުންނެވެ. އިތުރުވަމުން އަންނަ އާބާދީއަށް ބެލުމެއްނެތި ހޯދަމުންއައި ވަގުތީ ހައްލު މިއަދު މިވަނީ ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައަކަށް ވެފައެވެ.

2010 ވަނައަހަރު ދިވެހިރާއްޖޭގެ ރަށްތައް ހިންގުން ލާމަރުކަޒީ ކުރެވުނު ހިސާބުން ރަށް، ސިޓީ ތަރައްޤީކުރުމަށް ހަރުދަނާ ޕްލޭންތަކެއް ހެދެން ފެށުނުކަން ފާހަގަކޮށްލަންޖެހެއެވެ.

އެގޮތުން 2011 ވަނައަހަރު މާލެ ސިޓީ ކައުންސިލްއަށް އިންތިހާބު ކުރެވުނު ފުރަތަމަ ސިޓީ ކައުންސިލުން ވަނީ މާލޭގައި ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކަކަށް ކުރުމުއްދަތެއްގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ގެނެސްދީފައިކަން ފާހަގަކޮށްލަންޖެހެއެވެ.

އެގޮތުން މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދުގެ ޓްރެޕިކަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި، އަތޮޅުތެރޭ ބޯޓު ފަހަރަށް މާލޭގައި ބަނދަރުކުރުމަށް އައު ބަނދަރެއް ހެދިގެން ދިޔުމާއި ބޭންކް އަދި އޮފީސްތައް ގިނަ ބޮޑުތަކުރުފާނު ބޭންކް އޮފް މޯލްޑިވްސް ކުރިމަތީ ސަރަހައްދު ހިއްކައި ބޮޑުކުރެވިފައިވެއެވެ. ޕާކުކުރުމަށް ޖާގަތައް އިތުކުރެވިގެން ދިޔައެވެ. މީގެ އިތުރުން މާލޭގައި ޕޭ ޓޮއިލެޓްތަކާއި ޕާކުތައް ހެދިގެން ދިޔައެވެ. ނަމަވެސް ސިޓީ ކައުންސިލަށް ލިބިފައިވާ ބާރު ނާޖާއިޒް ގޮތުގައި ސިޔާސީ ބޭނުމަށް ހިމުގެ ސަބަބުން ކައުންސިލް ދައުރު ނިމިގެން ގޮސްދިޔައިރު ވަނީ އެދެވޭ ހެޔޮ ބަދަލުތަކެއް ނުގެނެވިކަން ފާހަގަކޮށްލަންޖެހެއެވެ.

ދެންއައި ކައުންސިލްތަކުން ފެންނަންފެށީ ބާރު އޮވެ ސިޓީގެ ތަރައްޤީއަށް ކުރެވުނު މަސައްކަތައް ވުރެން ކައުންސިލްތައް "ވަކި ސަރުކާރެއް" ގޮތުގައި ހަރަކާތްތެރިވަމުން އައި މަންޒަރެވެ. ކައުންސިލްގެ މެޖޯރިޓީ ލިބޭ ޕާޓީއަށް ހައްދެއްނެތި ބިންތަކާއި ކަންކަން ފަހިކޮށްދިނުމުގެ ނަތީޖާއަކީ ރައީސް ވަހީދުގެ ވެރިކަމުނެ ފެށިގެން ކައުންސިލްތަކުގެ ބާރު ސަރުކާރަށް އަނބުރައި ނެގުމެވެ.

ސިޓީ ކައުންސިލްގެ ބައްދަލުވުން މަގުމަތީގައި ބާއްވަނީ: ރައީސް މައުމޫންގެ ގެކޮޅު ސިޓީ ކައުންސިލަށް ނެގުން

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މާލެ ސިޓީގެ ތަރައްޤީކުރުމާ ބެހެލެއްޓުން ވަނީ އޭރުގެ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރެވިފައެވެ. ފާއިތުވި ފަސްއަހަރު މާލެ ސިޓީއަށް ވަނީ ދުވަސް ވީ މަލަމަތި ބަދަލުކޮށްލާ ބޮޑެތި ބަދަލުތަކެއް ގެނެސްފައިކަން ފާހަގަކޮށްލަންޖެހެއެވެ.

އިދިކޮޅު ފަރާތްތަކުން އޭރު އެންމެ ފާޑުކިޔަމުން އައި އެއްކަމަކީ މާލޭގެ ހުސްތަންތަންކޮޅު އުފައްދައި ހިތްފަސޭހަ މައިޒާނާއި ޕާކުތައް ހެދުން ކަމުގައިިވިއަސް އެއީ ތޮއްޖެހިފައިވާ މާލެ ސިޓީއަށް ބޭނުން ޖެހިފައިވާ އިޖުތިމާއީ ކަމެއްކަން އެތަންތަން ބޭނުން ހިފާ ފަރާތްތަކުން ހާމަވެގެންދެއެވެ. ރަސްފަންނަކީ ވެސް މިފަދަ ބޮޑު އިންގިލާބީ ބަދަލެއް ގެނުވި ޕްރޮކެޖްޓެއްކަން ފާހަގަކޮށްލަންޖެހެއެވެ. އަޑި ގުޑަން މަޖީދީމަގު އެއްވަރުކޮށްލި މަޝްޢުއަކީ ހަނދާންނައްތާލެވޭނެ ކަމެއްވެސް ނޫނެވެ.

މިއަދު މިވަނީ ސަރުކާރުން މާލެ ސިޓީ ބެލެހެއްޓި ބެލެހެއްޓުން ނިމުމަކަށް ގެނެސް ސިޓީ ކައުންސިލްތަކަށް ބާރުވެރިކަން އަނބުރާ ދީފައެވެ. މިއާއެކު މަސައްކަތެއް ނެތިފައި ތިބެންޖެހުނު ކައުންސިލުން މިވަނީ މާލެ ސިޓީގެ މައްސަލަތަކާއި ހަވާލުވެފައެވެ.

ކައުންސިލާއި ބާރުތައް ހަވާލުވުމަށްފަހު ސިޓީކައުންސިލުން ފޯކަސް ކުރާތަން ފެނުނީ މާލޭގެ ދުވަސް ވީ ސަލްޓަންޕާކް މިހާރުގެ ނަމުންނަމަ ރަސްރަނި ޕާކަށެވެ. ކައުންސިލްތަކަށް ލިބުނު ބާރުތަކުގެ ތެރެއިން ޕާކުތަކުގެ ނަން ބަދަލުކުރުމަކީ އެއްބާރުކަން ފާހަގަކޮށްލަންޖެހެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ ވަނީ ބާރުތައް ލިބުމަށްފަހު ބާއްވާ ޖަލްސާއަކަށް ރަސްރަނި ޕާކުގެނަން އިހު އޮތްގޮތައް ސަލްޓަންޕާކުގެ ނަމަށް ބަދަލުކުރުމަށް ހުށަހަޅާނެކަން އިއުލާން ކުރައްވާފައެވެ. މިއީ މާލޭގައި އިހަކަށްދުވަހު ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެފައިވަނިކޮށް އަދި މިހާރުން މިހާރަށް ހައްލު ބޭނުންވާ ބޮޑެތި މައްސަލަތަކެއް ހުރި އިރު މޭޔަރަށް އެންމެ އިސްކަންދެވުނީ ސަލްޓަންޕާކުގެ ނަންބަދަލުކުރަން ކަމަކީ ސިޓީ ކައުންސިލްގެ މަސައްކަތާމެދު ކަންބޮޑުވާންޖެހޭކަމެކެވެ. ކަންކަން ގޯހުން ދިޔުމުން ނިމި ދިޔަ ސަރުކާރަށް ނުވަތަ އެކަމާ ހަވާލުވެ ހުންނެވި މިނިސްޓަރ ކުއްވެރިކުރައްވައި ވާހަކަދެއްކުމަކުން ޒިންމާ އަދާކުރެވުނުކަމަކަށް ނުވާނެކަމަށް ޢަންމުން އަންނަނީ ސޯޝަލް މީޑިއާގައި ޝުޢޫރު ފާޅުކުރައްވަމުންނެވެ.

ޢަންމުންގެ ޝުޢޫރު

ސިޓީކައުންސިލުން ސަލްޓަންޕާކުގެ މައްސަލާގައި ތިއްބައި މާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން ސިމެންތި ބަސްތާއެއް ކުޑަކުއްޖެއްބޮލަށް ވެއްޓި މިވަނީ ނިޔާވެފައެވެ. އެއާއެކު ސިޓީ ކައުންސިލުން "ހަޤީގީ" މައްސަލަތަކަށް އެޑްރެސްކުރަން ފެށުނުތަން ފެނިގެންދިޔައެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ ހާލަތު ދެނެގަތުމަށް ޢާންމުންގެ އެހީއަށް އެދިފައެވެ. އެގޮތުން މާލެ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް މީގެތެރޭގައި ނުރައްކާތެރި ތަކެއްތި މަގުމަތީ ބެހެއްޓުމާއި ސަލާމަތާ ގުޅުން ހުރި ކަންކަން ޓުވިޓާ މެދުވެރިކޮށް ފޮނުވުމަށް އިލްތިމާސް ކުރެވިގެންދިޔައެވެ.

މިއާއެކު ޢާންމުންގެ ވަރަށް ބޮޑު ތަރުހީބެއްލިބި މާލޭގައި ހައްލު ބޭނުންވެފައިވާ މައްސަލަތައް ޓުވީޓުކުރަމުން ގެންދިޔައެވެ. މަގުތައް ހަލާކުވުމާއި، ކަފިހިހުރަސް ފޮހެވުމާއި، މަގުމަތީ ނުރައްކާތެރި ތަކެއް ބެހެއްޓުމުން ފެށިގެން އެކަށީގެންވާ ސަލާމަތީ ފިޔަވަޅު ނެތް އެތައް ކޮންސްޓަރަކްޝަން ސައިޓެއްގެ ފޮޓޯ ސޯޝަލް މީޑިއާއަށް އޮއްސާލިއެއެވެ.

އެއާއެކު އަނެއްކާވެސް ސިޓީ ކައުންސިލްގެ ފޯކަސް ބަދަލުވެގެންދިޔައީ ސަލްޓަންޕާކަށެވެ. މިފަހަރު ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފަށް މުހިންމުވެގެންދިޔައީ ސަލްޓަން ޕާކުގައި ކުރީގައި ހަރުކުރެވިފައިވާ ގޭޓް ކޮބައިތޯ ބެލުމަށެވެ. މިއީ ނުރައްކަލުގެ ހާއްޔެއްގޮތުގައި އޮތް މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ ވިސްނުންފުޅު ހުރިގޮތްކަމުގައި ވަނީނަމަ މިއީ ކަންބޮޑުވާންޖެހޭކަމެކެވެ.

އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި މިވަނީ ނިމިދިޔަ ސަރުކާރުން އިހުމާލުވެފައިވާ ދިވެހި ތާރީހީކަންކަން ބެލެހެއްޓުމާއި މިކަންކަން ދިރިވުމަށް މިނިސްޓްރީ އޮފް ހެރިޓޭޖްގެ ނަމުގައި މިނިސްޓްރީއެއް އުފައްދަވައިފާ ކަމުން މިފަދަ ކަންކަން އެވުޒާރާއަށް ދޫކޮށްލުން މިއީ ވަސީލަތާއި މަސައްކަތް ގިނަ ސިޓީ ކައުންސިލަށް އެންމެ ރަނގަޅުގޮތެވެ.

ޤަބޫލުކުރަން ޖެހޭ ހަޤީގަތަކީ ސިޓީކައުންސިލަށް "ކުއްލި" ގޮތަކަށް ލިބުނު ބާރުވެރިކަމާއެކު ކުރިއަށް ދިޔުމަށް ދުވަސްކޮޅެއްނަގާފާނެކަމެވެ. ނަމަވެސް ޒިންމާ ބޮޑު ކައުންސިލަކުން ޕާކުގެ ނަންތަކާއި ގޭޓްތަކަށް މި ދަނޑިވަޅުގައި ފޯކަސްކުރެއްވުމަކީ ހަޤީގީ މައްސަލަތަކަށް ހައްލު ލިބުން ލަސްވެގެންދާނެކަމެއް ކަމުގައި ވާނެއެވެ.

Advertisement

ކޮމެންޓް