ގދ ތިނަދޫގައި ފެނުގެ ހިދުމަތް މެދުކެނޑުމަކަށް: ފެނަކާއިން މައުލޫމާތު ހިއްސާކުރަން ބޭނުމެއްނުވޭ

22 Dec 2018 | 13:54

ގދ. ތިނަދޫގެ ފެން ޕްލާންޓު ތާނގީން ފެންހުސްވެ ފެނުގެ ހިދުމަތައް ބުރޫ އަރައިފިއެވެ.

މިކަމާގުޅިގެން ތިނަދޫ ފެނަކަ ބްރާންޗުން ވަނީ މައްސަލަ ހައްލުކުރެވެންދެން ފެނުގެ ހިދުމަތް ދުވާލަކު 11 ގަޑި އިރު ދޭގޮތަށް ބަދަލު ގެނެސް ތާވަލެއް ނެރެފައެވެ.އެއީ ހުކުރު ނޫން ކޮންމެ ދުވަހަކު ހެނދުނު 4:30އިން 6:00އަށް، 7:30އިން 10:00އަށް، 12:00އިން 13:00އަށް އަދި ހަވީރު 3:00އިން ރޭގަނޑު 9:00އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ފެން ދޫކުރާނީ ފަތިހު 4:30އިން 6:00އަށެވެ. އަދި 10:30އިން 13:00އަށެވެ.

މިމައްސަލާގައި ތިނަދޫ ކައުންސިލަށް ގުޅާލުމުން ވަނީ ފެނަކާއަށް ގުޅުމަށް ބުނެފައެވެ. ކައުންސިލާއި މިކަމުގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައިނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މިކަމާގުޅިގެން ތަކުރާރުކޮށް ގުޅާލުމުންވެސް ފެނަކާގެ އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލަ ސާފުވާގޮތް ވަނީ ނުވެފައެވެ.

ތިނަދޫ ފެންޕްލާންޓަށް ދިމާވެގެން އުޅޭ މައްސަލާއާއި ގުޅޭގޮތުން "ވޮއިސް" އާއި ވާހަކަ ދެއްކި ރަށު މީހާކު ހާމަކުރިގޮތުގައި މި މައްސަލަ ދިމާވާންޖެހުނީ އިއްޔެ ޑިއުޑީގައި ތިބި ބައެއްގެ އިހުމާލުންކަމަށެވެ. އެގޮތުން އެމުވަޒަފުން ޑިއުޓީގައި ތިބެ ބަލަންޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން ފެން ތާނގީން ފެން ހުސްވެފައިވާކަމަށާއި، އެކަމުގެ ސަބަބުން ފެންޕްލާންޓަށް މައްސަލަ ދިމާވެފައިވާކަމަށް ރަށުން މައުލޫމާތު ދިން ފަރާތުން ހާމަކުރައްވައެވެ.

Advertisement

ކޮމެންޓް