އޭއެފްސީ މެޗުތަކަށް ޚާއްޞަ ހުއްދައެއް ދޭން ނިންމައިފި

05 May 2021 | 16:29

އޭއެފްސީ ކަޕްގެ މެޗުތައް ކުޅުމަށް ޚާއްޞަ ހުއްދައެއް ދިނުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ، އޭއެފްސީ މުބާރާތަކީ ރާއްޖޭގެ ޓީމުތައް ބައިވެރިވާ ބައިނަލްއަޤުވާމީ މުބާރާތަކަށް ވާތީ ރާއްޖޭގައި ކުޅެންޖެހޭ މެޗުތައް ކުޅުމަށް ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މެޗުތައް ކުރިޔަށް ގެންދާއިރު އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އޭއެފްސީން ކޮވިޑް ހާލަތާއި ގުޅިގެން ހަދާފައިވާ ގައިޑްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ އެދިފައެވެ.

މަބްރޫކް ވިދަޅުވީ، މިމުބާރާތަށް ޓީމުތައް ރާއްޖެއަށް އަންނަންޖެހޭނީ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހަދައިގެން ކަމަށާއި، ޓީމުތައް އައިސް ތިބެން ޖެހޭނީވެސް ވަކި ހޮޓަލެއްގައި ކަރަންޓީނުވެގެން ކަމަށެވެ. އަދި އިތުރުތަނަކަށް ދިއުމުގެ ހުއްދައެއް ކުޅުންތެރިންނަކަށް ނޯންނާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"އެކޮމޮޑޭޝަނުން ދަނޑަށް، ދަނޑުން އެކޮމޮޑޭޝަނަށް ދާން ޖެހޭނީ. އަދި ޓީމުތަކަށް ޚިދުމަތްދޭ ފަރާތްތަކުންވެސް މުޖުތަމަޢުގެ ތެރެއަށް ނުކުތުމުގެ ހުއްދައެއް ނޯންނާނެ. އަދި މެޗުތައް ކުޅުމަށްފަހު ފުރާ ޓީމުތައް ޑިޕާޗާ ސާމްޕަލްއެއް ނަގަންޖެހޭނެ. އަދި ރާއްޖޭގެ ޓީމުތައް މެޗު ނިންމާފައި 14 ދުވަހުގެ ކަރަންޓީނަށް ދާންޖެހޭނެ" މަބްރޫކް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް

Advertisement