Advertisement

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

06 May 2021 | 12:57

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 19 އެޕްރީލް 2021 ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގައި އެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި "ކޮރަޕްޝަން" ކަމަށް ބުނެފައިއެވަނީ، ކޮރަޕްޝަންގެ ކުށާއި، ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި ޢަމަލުތައް ހިމެނޭގޮތުން ކަމަށް ހިމަނާފައިވެއެވެ. އަދި ހަމަ އެ މާއްދާގެ (ށ) ގައި، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ކޮރަޕްޝަންގެ ކުށް" ކަމަށް ބުނެފައިއެވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 510، 513، 515، 516، 517 އަދި 518 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްކުށާއި، އެނޫންވެސް ޤާނޫނެއްގައި ކޮރަޕްޝަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

Advertisement

ކޮމެންޓް